އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަބްދުލްމަތީން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މަތީން ވަނީ ފެން ކުންފުނިން އިސްތިއުފާ ދެއްވިކަން ސޯޝަލް މީޑިއާގައި އިއުލާންކުރައްވައިފަ އެވެ. ނަމަވެސް، މަގާމުން ވަކިވެވަޑައިގެންނެވި ސަބަބެއް ވިދާޅެއްނުވެ އެވެ.
ބިލްޑިން ސާވިސަސް އިންޖީނިއަރިންގެ ރޮނގުން މާސްޓާސް ހާސިލްކުރައްވާފައިވާ މަތީން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް ދަނީ ބަދަލުތައް ގެންނަމުންނެވެ. އޭގެ ތެރެއިން، ދެ ކުންފުންޏެއްގެ އިސްވެރިއަކު ވަކިކޮށް، އިތުރު ދެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
މަތީން އިތުރުން މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު ވެސް ވަނީ މިއަދު އިސްތިއުފާ ދެއްވައިފަ އެވެ.