ޕީއެންސީގެ ކޮންގްރެސްގެ ތައްޔާރީތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއް ފެށުމަށް ގޮވާލައްވައި، އެއީ ޕާޓީގެ ޑިމޮކްރަސީ ވަރުގަދަކުރަން ލިބޭ ފުރުސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެ ޕާޓީގެ ކޮންގްރެސް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވުމަށް ޕާޓީގެ ލީޑަޝިޕުން ވަނީ ފާސްކޮށްފަ އެވެ. 

ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕީއެންސީއަށް އއ. ރަސްދޫ އާއި އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ރަސްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި ދަނޑިވަޅަކީ ޕާޓީ ޑިމޮކްރަސީ ހަމަތަކުގެ މަތިން ހަރުދަނާކޮށް، ވަރުގަދަކުރުމަށް ލިބޭ އެންމެ މުހިއްމު ދަނޑިވަޅު ކަމަށެވެ. 

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރަންވީ ކަމަކީ މި ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް ފެށުން ކަމަށެވެ. ހުރިހާ ރަށެއްގެ ސްޓިއަރިން ކޮމެޓީތަކާއި ދާއިރާތަކުގެ ރައީސުން ފަދަ މުހިއްމު މަގާމުތަކަށް ބޭފުޅުން އައްޔަންކުރާ އެ ކޮންގްރެސްއަށް އެންމެ ރަނގަޅު ކެންޑިޑޭޓުން ހޮވުމުގެ މަސައްކަތް ފެށުމަށް ވެސް ރައީސް ގޮވާލެއްވި އެވެ. 

"މިއީ ޕާޓީގެ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ވަރުގަދަކުރުމަށް އެންމެ މުހިއްމު ދަނޑިވަޅު. ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ ރަށެއްގައި އަޅުގަނޑުމެންގެ ސަޕޯޓަރުން ކުރަންވީ ކަމަކީ މި ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތްކުރަންވީ،" 

އެމަނިކުފާނު ވިދާޅުވީ ރަށްރަށުން ކޮންގްރެސްއަށް ނަގަންވާނީ ގައުމާއި ރަށުގެ މަސްލަހަތުގެ އިތުރުން ދާއިރާގެ މަސްލަހަތު އިސްކުރައްވާނެ ބޭފުޅުން ކަމަށެވެ. 

"އެހެންވީމަ ޕާޓީ އިތުރަށް ވަރުގަދަކުރަން ދެން އޮތް އެންމެ މުހިއްމުކަމަކީ މި ދެންނެވިގެން ކޮންގްރެސްއަށް ތައްޔާރުވުން. ހުރިހާ ރަށެއްގައި ތިބި އަޅުގަނޑުމެންގެ މެމްބަރުންނަށް އަޅުގަނޑު ގޮވާލަން މިހާރުއްސުރެ މި ކޮންގްރެސްއަށްޓަކައި އެންމެ ރަނގަޅު ކެންޑިޑޭޓުން ނޫނިއްޔާ މި މަގާމުތަކަށް ހޮވާނެ ބޭފުޅުން ތިބޭފުޅުންގެ ތެރޭގައި މަޝްވަރާކޮށް އެންމެ ގައުމީ މަސްލަހަތު އިސްކުރެވޭނެ ގޮތަށް އެންމެ ރަށުގެ މަސްލަހަތު އިސްކުރެވޭނެ ގޮތަށް ދާއިރާގެ މަސްލަހަތު އިސްކުރެވޭނެ ގޮތަށް ތައްޔާރުވާން"

ރަސްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޕާޓީގެ ކޮންގްރެސްއަކީ އެ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރަން ލިބޭ ފުރުސަތެއް ކަމަށް.--- ފޮޓޯ: ޕީއެންސީ
ރަސްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޕާޓީގެ ކޮންގްރެސްއަކީ އެ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރަން ލިބޭ ފުރުސަތެއް ކަމަށް.--- ފޮޓޯ: ޕީއެންސީ

ކޮންގްރެސްގެ ތައްޔާރީތަކުގެ ތެރެއިން އިތުރު މެމްބަރުން ޕާޓީއަށް ވެއްދުމަށް ފުރުސަތުދީ ޕާޓީގެ ވަރުގަދަކުރަން މަސައްކަތްކުރެއްވުމުގެ އިތުރުން ރައީސް ވަނީ މި ކޮންގްރެސްއަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ދެ ފުށް ފެންނަ އެންމެ އަދުލުވެރި، އިންސާފުވެރި ކޮންގްރެސްއަށް ހެދުމަށް ވެސް ގޮވާލައްވައިފަ އެވެ. 

ރައީސް ވަނީ ޝައުގުވެރިކަމާ އެކު އެ މަސައްކަތަށް ނިކުތުމަށް އެދިވަޑައިގެންފަ އެވެ.

ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެވޭ ވަރަކަށް ކުރިއަށް ދިއުމުގައި ކާމިޔާބީވާނެކަން ފާހަގަކުރައްވައި ރައީސް ވަނީ ޕާޓީގެ ތެރޭގައި ދެފުށް ފެންނަ ހަރުދަނާ ނިޒާމެއް ނެތް ނަމަ، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދެފުށް ފެންނަ ނިޒާމެއް ގެންގުޅުއްވާނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ.

"އެ މަސައްކަތްކުރުމަށް އަޅުގަނޑު ޕާޓީގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ގޮވާލަން. އެކަމަކީ އަޅުގަނޑުމެން ވަރަށް ޝައުގުވެރިކަމާ އެކު ކުރަންޖެހޭ ކަމަކަށްވާންޖެހޭ. އެއީ ޕާޓީގެ ތެރޭގައި އިންޓާނަލް ޑިމޮކްރަސީ ހަރުދަނާ ކުރެވޭ ވަރަކަށް އަޅުގަނޑުމެންނަށް ކުރިއަށް ދިއުމުގައި ކާމިޔާބީވާން އޮންނާނީ ޕާޓީ ނިޒާމުގައި،" 

މިހާރުއްސުރެ ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވުމަށް ގޮވާލައްވައި ރައީސް ވިދާޅުވީ އެ މަސައްކަތުގެ ނަތީޖާއަކީ ރިޔާސީ އިންތިހާބަށް ދާއިރު ޕާޓީ އެކުވެރިކަމާ އެކު ސިސްޓަމެޓިކް މަސައްކަތްތަކެއް ކުރެވޭނެ ކަމަކަށްވާނެ ކަމަށާއި މަޖިލިސް އިންތިހާބަށް ވެސް އޮއްޓަރު ހުރި ކެންޑިޑޭޓުންތަކެއް ނުކުތުމަށް މަގުފަހިވާނެ ކަމަށެވެ. އޭގެ ސަބަބުން މުހިއްމު ޒިންމާދާރު ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.