ބިލިއަނަރު ޖެފް ބޭޒޯސްގެ ޖައްވީ ކުންފުނި ބްލޫ އޮރިޖިންއިން އެ ކުންފުނީގެ 'ނިއު ގްލެން' ރޮކެޓުގެ ބޫސްޓަރެއް އަލުން ބޭނުންކޮށްގެން ސެޓެލައިޓް ފޮނުވުމަށް ފަހު އެ ބޫސްޓަރު އަނބުރާ ބިމަށް ގެނެސް ބޮޑު ކާމިޔާބީއެއް މިއަދު ވަނީ ހޯދައިފަ އެވެ. މިއީ ބިލިއަނަރު އީލޮން މަސްކުގެ ސްޕޭސް އެކްސްއާ ވާދަވެރިކަން ބޮޑުވާނެ ކާމިޔާބީއަކަށް ވިޔަސް އެ ރޮކެޓުގައި ފޮނުވި ސެޓެލައިޓް ނުބައި އޯބިޓަކަށް ދޫކޮށްލެވުމުން އެ ވަނީ ވެއްޓިފަ އެވެ.
ނިއު ގްލެން ރޮކެޓް، ފްލޮރިޑާގެ ކޭޕް ކެނަވެރަލްއިން އުދުއްސާލީ އާދީއްތަ ދުވަހު، ޖީއެމްޓީން ހެނދުނު 11:25 ގަ އެވެ. އެއީ ރާއްޖޭ ގަޑިން އިއްޔެ ހަވީރު 4:25 ގަ އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ލ. އަތޮޅު ކަނޑުގެ ސަރަހައްދު މަތިން، އެއްޗެހިތަކެއް އަނދަމުންދާތީ ފެނިފައި ވާއިރު މިއީ ޖައްވުން ވެއްޓުނު އެއްޗެހިތަކެއް ކަމަށް ބެލެވެ އެވެ. އެގޮތަށް ބެލެވެނީ ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް ޖައްވުން އެއްޗެއް ވަނުމާ އެކު އަނދައިގެންދާ ގޮތަށް އެ އެއްޗެހި ފެނިފައި ވާތީ އެވެ.
ބްލޫ އޮރިޖިން ކުންފުނީގެ 'ނިއު ގްލެން' ރޮކެޓުގެ އެންޖީ-3 މިޝަންގައި އޯބިޓަށް ދޫކޮށްލަން އުޅުނީ 'ބްލޫބާޑް 7' ސެޓެލައިޓް އެވެ. އޭއެސްޓީ ސްޕޭސްމޮަބައިލްގެ މި ސެޓެލައިޓަކީ ޖައްވުގައި ސެލިއުލާ ނެޓްވޯކް ގާއިމުކުރުމަށް އެ ކުންފުނިން ހިންގާ މަޝްރޫގައި ހިމެނޭ ސެޓެލައިޓެކެވެ. އޭއެސްޓީ ސްޕޭސްމޮބައިލް އިން ވަނީ ހެދުނު ގޯހެއްގެ ސަބަބުން ސެޓެލައިޓް އޯބިޓްގައި ހަރުނުލައި ގެއްލިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ސެޓެލައިޓް ވަނީ ރޮކެޓުން ކާމިޔާބުކަމާ އެކު ވަކިވެ، އޭގެ އަމިއްލަ ބާރު ވެސް ލިބިފަ އެވެ. ނަމަވެސް ބްލޫ އޮރިޖިންއިން ކަށަވަރުކޮށްދިން ގޮތުގައި، ސެޓެލައިޓް ދޫކޮށްލެވުނީ ބޭނުންވި އުސްމިނަށްވުރެ ތިރި އޯބިޓަކަށެވެ.
އޭއެސްޓީ ސްޕޭސްމޯބައިލް އިން ބުނި ގޮތުގައި، ސެޓެލައިޓް އޮތް އުސްމިން މާ ތިރިވުމުގެ ސަބަބުން، ސެޓެލައިޓްގައި 'އިންޖީނުތައް' ބޭނުންކޮށްގެން ވެސް އެކަން ހަމައަކަށް ނޭޅުވުނެވެ. އެހެންވެ 'ބްލޫބާޑް 7' ސެޓެލައިޓް 'ޑިއޯބިޓް' ކުރުމަށް [ވައްޓާލަން] ނިންމީ އެވެ.
މިގޮތަށް ވައްޓާލާއިރު، ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއް އޮވެ އެވެ. އެހެންވެ ވައްޓާލެވޭތޯ ބަލާނީ ކަނޑުގެ ސަރަހައްދު ބޮޑު ހިސާބަކަށެވެ. އެކަމަކު ވައިގެ ފަށަލައިގެ ތެރެއަށް، އެހާ މަތިން އައިސް ވަނުމާ އެކު ސެޓެލައިޓް އެއްކޮށްހެން އަނދައިގެންދާނެ އެވެ.
މި މިޝަން ކާމިޔާބުވި ނަމަ 'ބްލޫބާޑް 7' އަކީ ދުނިޔޭގެ ތިރި އޯބިޓަށް [ލޯވަ އާތު އޯބިޓް] އޭއެސްޓީ ސްޕޭސްމޯބައިލްއިން ފޮނުވި އަށްވަނަ ސެޓެލައިޓަށް ވާނެ އެވެ. މިއީ އާދައިގެ މޮބައިލް ފޯނުތަކަށް ސީދާ ބްރޯޑްބޭންޑް ހިދުމަތް ދިނުމަށްޓަކައި ޖައްވުގައި ބިނާކުރާ ދުނިޔޭގެ ފުރަތަމަ ސެލިއުލާ ނެޓްވޯކް ގާއިމުކުރުމަށް އެ ކުންފުނިން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ބައެކެވެ. ކުންފުނިން ބުނި ގޮތުގައި، މި ސެޓެލައިޓް ވައްޓާލަން ޖެހުމުން ލިބުނު ގެއްލުމުގެ ހަރަދު އިންޝުއަރެންސްގެ ދަށުން ލިބޭނެ ކަމަށް ބެލެވޭތީ، މާލީ ގޮތުން ކުރާނެ އަސަރު ކުޑަވާނެ އެވެ.
މި ކުރިމަތިވި ހުރަހާ އެކު ވެސް، އޭއެސްޓީ ސްޕޭސްމޯބައިލް އިން ބުނި ގޮތުގައި ސެޓެލައިޓް އުފެއްދުމުގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ކުރިއަށްދެ އެވެ. އެގޮތުން، ބްލޫބާޑް 8 އިން ފެށިގެން 10 އާ ހަމައަށް ހުރި ސެޓެލައިޓްތައް ކުރިއަށް އޮތް ތިރީހަކަށް ދުވަހުގެ ތެރޭގައި ފޮނުވުމަށް ތައްޔާރުވާނެ ކަމަށް ބެލެވެ އެވެ. އަދި މި އަހަރުގެ ނިޔަލަށް ކޮންމެ މަހަކު ދެ މަހަކުން އެއްފަހަރު ސެޓެލައިޓް ލޯންޗުކުރުމުގެ އަމާޒަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
އޭއެސްޓީ ސްޕޭސްމޯބައިލް އިން މިހާރު ދަނީ 'ބްލޫބާޑް 32' އާ ހަމައަށް ސެޓެލައިޓްތައް އުފައްދަމުންނެވެ. އަދި އެ ކުންފުނީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ގާތްގަނޑަކަށް 45 ސެޓެލައިޓް އޯބިޓަށް ފޮނުވައި ނިންމުމެވެ.