މި މަހުގެ 14 ވަނަ ދުވަހު އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރެއިން އާދަމް ޝަރީފާއި ތޯރިގް އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް އެކަން "މިހާރު" އަށް މިރޭ ކަށަވަރު ކޮށްދެއްވި އެވެ.
އެނގިފައިވާ ގޮތުގައި ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރެއްވީ މީގެ ދެ ދުވަހެއް ކުރިންނެވެ. ދިޔާނާ އަށް އެ މަގާމު ދެއްވީ މިއަދެވެ.
މި ސަރުކާރު އުފެދުނީއްސުރެ ކެބިނެޓުގައި ތިއްބެވި އާދަމް ޝަރީފާއި ތޯރިގަކީ މި މަހުގެ 14 ގައި އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ތެރެއިން ދައުލަތުގެ އެހެން މަގާމަކަށް އައްޔަން ކުރެއްވި ފުރަތަމަ ދެ ބޭފުޅުންނެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އެ އިންތިހާބަށްފަހު ބައެއް މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ރައީސް މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދިނުމަށްޓަކައި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު ދަށްކުރަން ވެސް ފިނޭންސް މިނިސްޓްރީން ވަނީ ޕީސީބީ އަށް އަންގައިފަ އެވެ.