އައްޑޫ ފޭދޫ ސްކޫލް ލައިބްރަރީގެ އޭސީގައި މިއަދު ހެނދުނު ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ހެނދުނު 8:20 ހާއިރު އެ ހާދިސާގެ މައުލޫމާތު ލިބުމުން އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި ނުވައެއް ޖަހަން އުޅެނިކޮށް އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވެ އެވެ. ނަމަވެސް، އެމްއެންޑީއެފުން އާއްމުކުރި ފޮޓޯގައި ލައިބްރަރީއަށް ބޮޑު ގެއްލުމެއް ލިބިފައިވާތަން ފެނެ އެވެ. އަދި އެ ތަނުގައި ހުރި ބައެއް ފޮތްތައް ވަނީ އަނދައިފަ އެވެ.
އޭގެ އިތުރުން ލައިބްރަރީގައި ހުރި ކަބަޑުތަކާއި ދޮރާއި އޭސީ ވެސް ވަނީ އެއްކޮށް ހަލާކުވެފަ އެވެ.
ހެނދުނުގެ ދަންފަޅި ފެށި ފަހުން އަލިފާން ރޯވުމާއެކު، ކިޔަވައިދިނުން މެދުކަނޑާލައި، ހުރިހާ ދަރިވަރުން ބޭރަށް ނެރުނެވެ.