ދައުލަތުގެ މަސްކުންފުނި މިފްކޯގެ އާ މެނޭޖިން ޑިރެކްޓަރަކަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަނަސް މިރޭ ހަމަޖައްސައިފި އެވެ.

ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕީސީބީގެ ރައީސްގެ މަގާމުން އަނަސް އިސްތިއުފާ ދެއްވުމާ އެކު، އެ މަގާމަށް މުހައްމަދު ނިޒާރު ވަނީ މިރޭ އައްޔަންކޮށްފަ އެވެ. 

ނިޒާރަކީ 2014-2019 އަށް ވެސް ޕީސީބީގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ.

ޕީސީބީން މިރޭ ބުނީ، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް ގއ. ދެއްވަދޫ، ދޭލިޔާގެ، އަނަސް މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ.

މިފްކޯގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވި ފަރުހަތު ޝަހީރު މި މަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. 

މިފްކޯގެ އާ އެމްޑީ އަނަސް ވަނީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ކުރިން ފުރުއްވައިފަ އެވެ. އެ މިނިސްޓްރީގައި ޑެބްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް އިސްކޮށް ހިންގަވައި، ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި ރިސްކް މެނޭޖްމަންޓް އޮނިގަނޑުތައް އެކުލަވައިލުމުގައި މުހިންމު ދައުރެއް އަނަސް އަދާކުރެއްވި ކަމަށް ޕީސީބީން ބުންޏެވެ. އަދި ދައުލަތުގެ ދަރަނި މެނޭޖުކުރުމުގެ ސްޓްރެޓެޖީތައް ފަރުމާކުރުމާއި ދަރަންޏާ ގުޅޭ ބުލެޓިންތައް ތައްޔާރު ކުރުމާއި ރާއްޖެ އިން ސޮވެރިން ބޮންޑު ދޫކުރުމުގެ މަސައްކަތްތަކުގައި ވެސް އަނަސް އިސްކޮށް ބައިވެރިވެވަޑައިގެންނެވި ކަމަށް ޕީސީބީން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައި ވެ އެވެ.

އަނަސް ވަނީ އެމްއެންޔޫގައި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހައްދަވައިފަ އެވެ. އަދި އިނގިރޭސި ވިލާތުގެ ހާޓްފޯޑްޝަޔާ ޔުނިވާސިޓީން އެކައުންޓިން ދާއިރާ އިން ބެޗެލާ އޮފް އާޓްސް ހާސިލް ކުރެއްވި އެވެ.

"މީގެ އިތުރުން، ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން އިންތިޒާމުކުރި، ދައުލަތުގެ ދަރަނި މެނޭޖުކުރުމާއި އިގްތިސާދީ ދިރާސާކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމްތަކާއި ފޯރަމްތަކުގައި ވަނީ ބައިވެރިވެވަޑައިގެންފަ އެވެ،" މީޑިއާ ޕީސީބީން ހިއްސާކުރި އަނަސްއާ ގުޅޭ މައުލޫމާތު ޝީޓުގައި ވެ އެވެ. 

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް މިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންްނަ ވޯޓުގައި ލިބުނު ނާކާމިޔާބީ އަށް ފަހު ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވަން ފައްޓަވައިފަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިން ބަދަލުކުރުމާއި އެ ތަންތަނުގެ މުވައްޒަފުންގެ އަދަދު މަދުކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.