މިހާރު ހަމައެކަނި ރަސްމީ ދުވަސްތަކުގައި ހުޅުވަމުން އަންނަ ގައުމީ ދާރުލްއާސާރަށް ވަދެ، އެތަނުގެ ތަކެތި ބަލާލައި ދިރާސާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ހޮނިހިރު ދުވަހެއްގައި ވެސް އެތަން ހުޅުވަން ހެރިޓޭޖް މިނިސްޓްރީން ނިންމައިފި އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ ގައުމީ ދާރުލްއާސާރަށް ވަދެވޭ ވަގުތާއި ދުވަސްތައް އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުންދާތީ އެކަމާ ގުޅިގެން ކުރި މަޝްވަރާތަކަށް ފަހު ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. 

ހީނާ ވިދާޅުވި ގޮތުގައި ވީހާވެސް ގިނަ ބަޔަކަށް ދާރުލްއާސާރަށް ވަދެ އެތަން ބަލައިލަން ފުރުސަތު ދިނުމުގެ ގޮތުން މެއި، 18 އިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް އެތަން ހުޅުވާނެ އެވެ. 

ރަސްމީ ދުވަސްތަކުގައި ވެސް ދާރުލްއާސާރަށް ވަދެވޭ ވަގުތު ރޭގަނޑަށް އިތުރުކުރުމަށް އިދާރީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. 

"އިރާދަކުރެއްވިއްޔާ ވީހާވެސް އަވަހަކަށް ރޭގަނޑުގެ ވަގުތު ގާތްގަނޑަކަށް 10:00 އާ ހަމައަށް ވެސް ދާރުލްއާސާރަށް މީހުންނަށް ވަދެ، މަސައްކަތް ބަލާލުމުގެ ފުރުސަރު ލިބޭ ގޮތަށް މަސައްކަތްތައް ރާވާކުރިއަށް ގެންދާނަން." ހީނާ ވިދާޅުވި އެވެ. 

އެ ބަދަލު ގެންނަން ނިންމާފައިވާ ދުވަހަކީ ބައިނަލްއަގުވާމީ ދާރުލްއާސާރު ދުވަހުގެ ގޮތުގައި އިންޓަނޭޝަނަލް ކައުންސިލް އޮފް މިއުޒިއަމްސް (އައިކޮމް) އިން ފާހަގަކުރާ ދުވަހެވެ. 

ރާއްޖޭގައި ފުރަތަމަ ގައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 1952 ނޮވެންބަރު 19ގައި އޭރުގެ ވަޒީރުލްއައުޒަމް މުހައްމަދު އަމީނެވެ. މިހާރު ދާރުލް އާސާރު އެހުރި އިމާރާތުގެ ބިންގާ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަޅުއްވައި ދެއްވިއިރު އެތަން ހުޅުވައި ބޭނުން ކުރަން ފަށާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

އެތަނަކީ ރާއްޖޭގެ ތާރީހާއި ތަރިކަ އާއި ސަގާފަތާ ބެހޭގޮތުން ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބޭ ތަނެކެވެ. އެންމެ އެވޭލާ ޒަމާނުގެ ތާރީހުން ފެށިގެން، ރާއްޖެ އަށް އަންނަމުންދިޔަ ބަދަލުތަކާއި ތަރައްގީގެ މަރުހަލާތަކާއި ރަސްރަސްކަލުންގެ ރަސްކަމުގެ ދައުރުތައް އަދި ރާއްޖެ ފާހަގަކޮށްފައިވާ އެންމެ ހާއްސަ ކަންތައްތަކުގެ މައުލޫމާތު އެތަނުން ލިބެ އެވެ.