ގައުމީ ދާރުލްއާސާރު ބެލެހެއްޓުމުގެ މަސައްކަތް ޗައިނާ ސަރުކާރާ ގުޅިގެން ފަށާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ގައުމީ ދާރުލްއާސާރުގައި މިވަގުތު 700 އެއްހާ އާސާރު ޑިސްޕްލޭކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 1،500 އަހަރަށް ވުރެ ގިނަ ދުވަސްވީ އާސާރު އެބަ ހުރި ކަމަށެވެ. 

ގައުމީ ދާރުލްއާސާރުގެ އިމާރާތަކީ ވެސް ޗައިނާ ސަރުކާރުން ފަސް މިލިއަން ޑޮލަރު ހޭދަކޮށްގެން އަޅައިދިން ތަނެކެވެ. އެތަން ނިންމައި ސަރުކާރާ ހަވާލުކުރީ 2010 ވަނަ އަހަރުގެ ޖުލައި މަހު އެވެ.  

ހީނާ ވިދާޅުވީ އެ އާސާރުތަކުގެ ދަރަޖަކުރާ މިންގަނޑުތަކާއި މިންކޮށް ރައްކާތެރިކޮށް ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށެވެ. އެހެންވެ، އެތަން ތަަރައްގީކޮށް ބެލެހެއްޓުމަށް ޗައިނާއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހި، ވަރަށް އަވަހަށް އެކަން ފެށޭނެ ކަމަށް ވިދާޅުވި އެވެ. 

"އެހެންވީމަ ގައުމީ ދާރުލްއާސާރު ތަރައްގީކުރުމަށްޓަކައި ނުވަތަ ގައުމީ ދާރުލްއާސާރު މިހާރު ހުރި ވަރަށް ވުރެ އިތުރަށް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ޗައިނާ ސަރުކާރާ ގުޅިގެން އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއް ކުރަމުން. އެކަމަށް ބޭނުންވާ ފަންޑިންއާ އެއްޗެހި ހަމަޖެހި އެކަން ވަރަށް އަވަހަށް ފެށިގެންދާނެ،" ހީނާ ވިދާޅުވި އެވެ. 

ހީނާ ވިދާޅުވި ގޮތުގައި ދާރުލްއާސާރު ބޭނުން ކުރަން ފެށި ފަހުން ވެސް އެތަން ރަނގަޅު މަރާމާތެއް ކޮށްފައެއް ނުވެ އެވެ. އެހެންވެ، ދާރުލްއާސާރު އޮތީ ވަރަށް ބޮޑަށް ތަރައްގީކުރަންޖެހިފައި ކަމަށް ވިދާޅުވި އެވެ. 

ރާއްޖޭގައި ފުރަތަމަ ގައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 1952 ނޮވެންބަރު 19ގައި އޭރުގެ ވަޒީރުލްއައުޒަމް މުހައްމަދު އަމީނެވެ. މިހާރު ދާރުލް އާސާރު އެހުރި އިމާރާތުގެ ބިންގާ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަޅުއްވައި ދެއްވިއިރު އެތަން ހުޅުވައި ބޭނުން ކުރަން ފަށާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

އެތަނަކީ ރާއްޖޭގެ ތާރީހާއި ތަރިކަ އާއި ސަގާފަތާ ބެހޭގޮތުން ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބޭ ތަނެކެވެ. އެންމެ އެވޭލާ ޒަމާނުގެ ތާރީހުން ފެށިގެން، ރާއްޖެ އަށް އަންނަމުންދިޔަ ބަދަލުތަކާއި ތަރައްގީގެ މަރުހަލާތަކާއި ރަސްރަސްކަލުންގެ ރަސްކަމުގެ ދައުރުތައް އަދި ރާއްޖެ ފާހަގަކޮށްފައިވާ އެންމެ ހާއްސަ ކަންތައްތަކުގެ މައުލޫމާތު އެތަނުން ލިބެ އެވެ.