ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކާ ކަމުގެ ތުހުމަތަށް ހައްޔަރުކުރި އުމުރުން 22 އަހަރުގެ ދިވެހި ޒުވާނާގެ މައްސަލާގައި ހެކި ނެތިގެން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ. 

އެ މައްސަލާގައި މިދިޔަ މަހުގެ ކުރީކޮޅު ހައްޔަރުކުރީ ތ.ވިލުފުށީ މޫނިމާގެ އާދަމް އަދްލާން ލަތީފް، 22، އެވެ.

ނަމަވެސް އަދްލާން ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނީ، އޭނާގެ މައްޗަށް ކުރި ތުހުމަތަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ވީޑިއޯ އާާއި ފޮޓޯ ޑިޖިޓަލް ކަރަންސީ ބޭނުންކޮށްގެން ގަނެ ވިއްކުން ކަަމަށް ވިޔަސް އެފަދަ ތުހުމަތަކަށް ބާރު ލިބޭނެ ހެއްކާއި ގަރީނާ ނެތް ކަމަށެވެ. 

"... އިންޓަޕޮލްގެ މެއިލްއެއްގައި މީނާގެ ޑިޖިޓަލް ވޮލެޓަކީ ފިސީނާގެ އަމަލުތަކަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ކަމަށް ބަޔާންކުރި ނަމަވެސް އެ މައުލޫމާތު ހިމެނޭ ލިޔުން ޝަރީއަތަށް ހުށަހަޅާފައި ނުވާތީ، މައްސަލައިގެ ތަހުގީގުގައި މީނާގެ ބަޔާން ވެސް ނެގިފައިވާ ކަމަށް ފުލުހުން ބުނާތީ އަދި މައްސަލައިގެ ބަޔާން ދިން އެއްވެސް ފަރާތަކުން އެކަމަށް މީނާއާ ދެކޮޅަށް ބަޔާނުގައި ފާހަގަކޮށްފައި ނުވާތީ،" އަދްލާން ބަންދުން ދޫކޮށްލަން ނިންމި ސަބަބު ބަޔާންކޮށް ކޯޓުގެ އަމުރުގައި ވެ އެވެ. 

އޭނާ ބަންދުން ދޫކޮށްލީ އަމުރުގައިވާ ގޮތުން ޕާސްޕޯޓު ހިފަހައްޓައި އަދި ރަށުން ބޭރަށް ވެސް ދިއުން މަނާކުރުމުގެ ޝަރުތުތަކާ އެކުގަ އެވެ. 

ފުލުހުން ކުރިން ބުނީ އަދްލާން ހައްޔަރުކޮށްފައި ވަނީ، ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގެއްގެ ތެރެއިން ކަމަށެވެ.

އެ ވޮލެޓުން އަދްލާންގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯ އެ ތަކެތިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ހިމެނޭ ކަމަށް ފުލުހުން އޭރު ބުންޏެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާ ގުޅިގެން ތަހުގީގުކުރާ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މިދިޔަ މަހު ފަސް ވަނަ ދުވަހު އެވެ.