ސިފައިންގެ ރޭންކް ބަދަލުނުވެ ވަކި އަހަރެއް ވަންދެން ހުރެއްޖެނަމަ، ވަޒީފާއިން ވަކިވާންޖެހޭ ގޮތަށް ރިޓަޔަމަންޓް ގަވާއިދުގައި އޮންނަ އޮތުން ފަދަ ބައެއް ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ ސިފައިންގެ ގާނޫނުތަކާއި ގަވާއިދުތައް އަދި ބައެއް އުސޫލުތައް ވެސް ރަނގަޅުކުރަންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު ގަވާއިދު އޮންނަ ގޮތުން ރޭންކް ބަދަލުނުވެ އެއް ރޭންކެއްގައި ވަކި މުއްދަތެއް ވަންދެން ހުރެއްޖެ ނަމަ، ހިދުމަތުން ދުރަށް ދިއުމަށް މަޖުބޫރުވާ ކަމަށެވެ. އެފަދަ ލިމިޓޭޝަންތަކެއް ހުރުމަކީ އެންމެ އަދުލުވެރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއް ރޭންކެއްގައި ވަކި މުއްދަތެއް ވަންދެން ހުއްޓަސް އެމީހުންނަށް ވަޒީފާގައި ދެމި ތިބެވޭނެ ގޮތަށް ގަވާއިދަށް އިސްލާހު ގެންނަވާނެ ކަމަށެވެ.
"ސިފައިންގެ ހިދުމަތުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ހިދުމަތްކުރަމުންދާ ސިފައިންނަށް އަދި ރޭންކުގައި ވަކި މުއްދަތެއް ވިޔަސް އަދި ލިމިޓޭޝަން މިހާރު އޮތް ގަވާއިދުގެ ތެރެއިން ހަމަވާ ގޮތަށް އޮތް އޮތުން އެއީ ބަދަލުކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން. އިރާދަކުރެއްވިއްޔާ އެގޮތަށް ބަދަލުކޮށްދީ، ސިފައިންގެ ހިދުމަތުގައި ދެމިހުރެވޭނެ ގޮތް އިރާދަކުރެއްވިއްޔާ ހަދަން ގަސްދުކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަނެއްކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ކިތަންމެ ދިގު މުއްދަތެއް ވަންދެން ހިދުމަތްކުރާ ސިފައިންނަށް ވެސް އިތުރު ފައިދާތަކެއް ނުވާ ގޮތަށް ރިޓަޔާމެންޓް ގަވާއިދު އޮތުމެވެ. ރައީސް ވިދާޅުވީ 30 އަހަރު އަދި 35 އަހަރު ހިދުމަތް ކުރާ ސިފައިންގެ މެދުގައި ވެސް ތަފާތެއް ނޯންނަ ކަމަށާއި އެއީ ބަދަލުކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މީގެ އިތުރުން ވެސް ސިފައިންގެ ރިޓަޔަރަމަންޓް ގަވާއިދަށް އިތުރު އިސްލާހު ގެންނަންޖެހޭ ކަމަށް ވެސް އަޅުގަނޑު ގަބޫލުުކުރަން. 30 އަހަރަށް ވުރެ ގިނަ ދުވަސްވެގެންދާއިރު 30 އަހަރުވިޔަސް 35 އަހަރުވިޔަސް ތަފާތެއް ނެތް ރިޓަޔަމަންޓުގައި މިހާރު ލިބޭ އަދަދަށް ބަލާއިރުގައި ބެނެފިޓަށް ބަލާއިރުގައި،" ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
"މިއީ ބަދަލުކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރަން. އެހެންވީމަ ސިފައިންގެ ރިޓަޔަރަމަންޓް ގަވާއިދު މި ދެންނެވި ގޮތަށް ހިދުމަތް ކުރި އަހަރުގެ ނިސްބަތުން އެ ލިބޭ ބެނެފިޓް ކަނޑައަޅާ ގޮތަށް އިރާދަކުރެއްވިއްޔާ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ކުރެވޭނެ."
އެ ޖަލްސާގައި ރައީސް ވިދާޅުވީ ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު، ގައުމުގެ އެކި ކަންކޮޅުތަކުގައި ކޮމާންޑް ސެންޓަރުތައް ހަދައި އެ ތަންތަން އުމްރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.
އެހެންވެ، ސަރުކާރުގެ ވިސްނުން މިހާރު ހުރީ ކޮމާންޑް ސެންޓަރުތައް އިތުރަށް ހަރުދަނާކޮށް، ސިފައިންނަށް އެ މީހުންގެ އާއިލާތަކާ ވީހާވެސް ގާތުން މަސައްކަތްކުރެވޭނެ މަގުފަހިކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ބަދަލާ އެކު ސިފައިންނަށް އެ މީހުންގެ ރަށާ އެންމެ ކައިރީގައި ހުރި ކޮމާންޑް ސެންޓަރުގައި މަސައްކަތް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިގޮތަށް ވިސްނާއިރުގައި ކުރިއަށް ދިއުމުގައި ވިސްނާއިރުގައި ތަރައްގީކުރުމަށް ބަލާއިރު ކޮންމެ އޭރިއާ ކޮމާންޑަކާ ބަލައި ކޮންމެ ސިފައިންގެ މީހެއްގެ އާއިލާ ދިރިއުޅޭ ސަރަހައްދަކީ ކޮބާތޯ އެ ސަރަހައްދެއް ހިމެނޭހެން އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ގޮތަށް ގާއިމުކުރެވޭތޯ މަސައްކަތްކުރާނަން،" ރައީސް ވިދާޅުވި އެވެ.
"އޭރުން އާއިލާތަކާ ކައިރިން މަސައްކަތްކުރެވޭނެ މަގުފަހިކުރެވޭނެ."
ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ސިފައިންގެ ފައުޖު އިތުރަށް ބޮޑުކުރުން ކަމަށާއި އެކަމަށްޓަކާ ޒުވާނުން ސިފައިންގެއަށް ވެއްދުމުގެ ގޮތުން މި އަހަރުގެ ބަޖެޓުގައި ވެސް ހިމަަނާފައިވާ ކަމަށެވެ.
އަދި މާލޭ އޭރިއާގެ އިތުރުން ހުރިހާ ސަރަހައްދެއްގައި ސިފައިން ދާއިމީ ގޮތެއްގައި ޑިއުޓީ އަދާކުރެވޭނެ ގޮތަކަށް ބަދަލުކުރުމުން އެ ކަމުން ނިކުންނަ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުން މަސައްކަތްކުރަނީ ސިފައިންގެ އާއިލާތަކާ ވީހާވެސް ގިނައިން ބައްދަލުވެ، ސިފައިންނާއި ގައުމަށް ނަފާވާނެ ގޮތަށް އަމަލުކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.