ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ވެސް ބޭނުންކޮށްގެން "ކޮމަންވެލްތު ޔޫނިއަން ބްލޮކް ޗެއިން ނެޓްވޯކް" ގެ ނަމުގައި ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުން ގެންދާ ސީޑަބްލިިއު ކްރިޕްޓޯ ޓޮކެންގެ ސައްހަ ކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފައްދަމުން ދަނިކޮށް، އެ އީ ސައްހަ މަސައްކަތެއް ކަމަށް ވިދާޅުވެ، ނަޝީދު މިއަދު އެކަން ދިފާއު ކުރައްވައިފި އެވެ.

އެގޮތަށް އިޝްތިހާރު ކުރަން އެކްސްގައި ކުރެއްވި ޕޯސްޓެއް ނަޝީދު ރީޕޯސްޓް ކުރެއްވުމާ އެކު، ބައެއް މީހުން ސީޑަބްލިއު ކްރިޕްޓޯ ޓޯކެންގެ ހަގީގަތް ހޯދައި އެއާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކުގެ ވާހަކަ އަންނަނީ ދައްކަމުންނެވެ. 

އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި އަދި އެންމެ ޝައްކުވާ ކަމެއްގެ ގޮތުގައި ފެންނަނީ އެ ޓޯކެންގެ ސަޕްލައި 73 ޕަސެންޓަށް ވުރެ ބޮޑު ބައެއް އެންމެ 195 ވޮޮލެޓުން ކޮންޓްރޯލް ކުރާތީ އެވެ. މި ހުރިހާ ވޮލެޓްތަކެއް ވެސް ޓޯކަން ލޯންޗްކުރި ވަގުތު އެންމެ ސިކުންތެއްގެ ތެރޭގައި އެއް ސްކްރިޕްޓަކުން އުފައްދާފައި ހުރިކަން ވެސް މިކަމުގެ ހަގީގަތް ބެލި މީހުން ހޯދާފައި ވާތީ މިއީ ވެސް ޝައްކު އުފެދޭ ބޮޑު ސަބަބެކެވެ. މިއީ އެކަކު ހުރިހާ ފައިސާއެއް ކޮންޓްރޯލްކުރާކަން އަންގައިދޭ ކަމެކެވެ.

ސޯޝަލް މީޑިއާ އާއި ރާއްޖޭގެ މީޑިއާގައި އެ ވާހަކަތައް ފެތުރެން ފެށުމާ އެކު، އެ ވާހަކަތަކަށް ރައްދު ދެއްވައި، ނަޝީދު މިއަދު އާއްމުކުރެެއްވި ބަޔާނެއްގައި ވިދާޅުވީ ދުނިޔޭގެ މާލީ ނިޒާމު މިހާރު އަންނަނީ ވަރަށް ހަލުވިކަމާ އެކު ބަދަލުވަމުން ކަމަށާއި ޑިޖިޓަލް ފައިސާ އާއި ޓޮޮކެނައިޒޭޝަން އަދި ބްލޮކް ޗެއިން އިންފްރާސްޓްރަކްޗާ އަކީ މިހާރު ހިޔާލީ ކަންކަން ނޫން ކަމަށެވެ.  އެކަން މިހާރު ވަމުން އަންނަނީ ދުނިޔޭގެ މާލީ ސްޓްރެޓީޖީގެ ބަޔަަކަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"...ކޮމަންވެލްތު ޔޫނިއަން ބްލޮކްޗެއިން ނެޓްވޯކް މިހާރު އެ އަންނަނީ ސީރިއަސް އިންސްޓްޓިއުޝަނަލް އިނިޝިއޭޓިވް އަަކަށް ބަދަލުވަމުން، ރެގިއުލޭޓް ކުރުމާއި އިންފްރާސްޓްރަކްޗާ އަށް އަދި ދިގުމުއްދަތުގައި ބޭނުންކުރަން ފަށަން އަމާޒު ހިފައިގެން، ކުށްހީ އަކަށް ނޫން،" އެކްސްގައި އާއްމުކުރެއްވި ބަޔާނުގައި ނަޝީދު ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވީ އެއީ ކޮމަންވެލްތުގެ 19 ގައުމަކުން މިހާރު ވެސް ބަލައިގަނެފައިވާ ޑިޖިޓަލް ރައުސްމާލާ  ބެހޭ "މޮޑެލް ގާނޫނަކަށް" ބިނާކޮށްގެން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. އެ މުއައްސަސާ ކޮމަންވެލްތުގެ 56 ގައުމަކާއި މެދުއިރުމަތީގެ ހަތް ގައުމަކާ ގުޅިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އޭގެ ހެއްކެއްގެ ގޮތުގައި އެ މަނިކުފާނު ދެއްކެވީ ކޮމަންވެލްތު ޔޫނިއަން ބްލޮކްޗެއިން ނެޓްވޯކް (ސީޔޫބީއެން) އިން ޓޮކެންގެ ޕްރީސޭލް ނުހެދުމާއި ފައިދާ ލިބޭނެ ކަމަށް ނުބުނުމާއި ރީޓެއިލްކޮށް ކުރާ ކަމެއްގެ ގޮތުގައި ފައިސާ ހޯދުން ނެތުމެވެ.

އެ މަސައްކަތަށް ލަފާ ދެނީ ބައިނަލްއަގުވާމީ އެޑްވައިޒަރީ ބޯޑަކުން ކަމަށާއި އެކި ގައުމުތަކުގެ ކުރީގެ ބޮޑުވަޒީރުންނާއި ރެގިއުލޭޓަރުންނާއި މަރުކަޒީ ބޭންކްތަކުގެ ކުރީގެ އޮފިޝަލުންނާއި އިންޑްސްޓްރީ ލީޑަރުން ހިމެނޭ ބޯޑެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިއީ ކުއްލިއަކަށް ފައިދާ ލިބޭ ކަމަށް ބުނާ ނެރޭޓިވްއެއް ނޫން. މިއީ ސިޔާސަތެއްގެ ދަށުން، ރެގިއުލޭޓްކޮށް ބެލެހެއްޓޭ ޑިޖިޓަލް އެކޯސިސްޓަމެއް ކޮމަންވެލްތާއި ކޮމަންވެލްތުން ބޭރުގައި ވެސް ގާއިމްކުރަން ކުރާ މަސައްކަތެއް،" ދިފާއުގައި އާންމު ކުރެއްވި ބަޔާނުގައި އެ މަނިކުފާނު ވިދާޅުވި އެވެ. 

އިންޓަނެޓްގައި ލިބެން ހުރި މައުލޫމާތަށް ބަލާއިރު ސީޑަބްލިއު ކްރިޕްޓޯ އަކީ ކޮމަންވެލްތާ އެއްވެސް ގުޅުމެއް އޮތް އޮއްޗެއް ވެސް ނޫނެވެ. އަދި މިއާ ބައެއް ލީޑަރުންނާ ގުޅުވައިގެން އަދި ކޮމަންވެލްތު ގައުމުތަކުގެ އަދަދާއި އާބާދީއާ ގުޅުވައިގެން މައުލޫމާތު ފަތުރަނީ ވެސް އާންމުންނަށް އޮޅޭ ގޮތަށެވެ.

ނަަމަވެސް އެ ޓޯކެން އިޝްތިހާރު ކުުރުމުގައި ނަންތައް ބޭނުންކުރާތީ އެކަމުގެ ހަގީގަތް ހާމަކުރެއްވީ ނުވަތަ އެ ކަމާ ދެކޮޅު ހެއްދެވީ އަދި ވަރަށް މަދު ލީޑަރުންނެވެ. 

"މިއީ ފޭކް، އަޅުގަނޑު މިކަމުގައި ބައިވެރިއެއް ނުވަން،" އެކަމުގައި ބައިވެރިވުމެއް ނެތްކަން ހާމަކުރެއްވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސީޝެލްސްގެ ކުރީގެ ރައީސް އަމީނާ ގްރައިބް ފާކިމް ވިދާޅުވި އެވެ.

ސީޑަބްލިއު ކްރިމްޕްޓޯ ޓޯކެން އަކީ ބޮޑު ސްކޭމެއް ކަމަށް ބެލެވޭ އަނެއް ސަބަބަކީ ކުރިން ވެސް ބޮޑު ޕޮންޒީ ސްކީމެއް ހިންގި ކަމަށް ތުހުމަތުކޮށް، ބީބީސީން ރިޕޯޓްކޮށްފައިވާ، ޔޫއޭއީގެ ޝާހީ އާއިލާގެ މީހަކު އެކަމުގައި އިސްކޮށް ހުރުމެވެ.