މާލޭގެ ދެކުނު ފަރާތު ބަނދަރު ތޮށިގަނޑު މައްޗަށް ކުނިއަޅާފައި ފުރި ލޯންޗެއް، މާލެ ސިޓީ ކައުންސިލުން ޖޫރިމަނާ ކޮށްފި އެވެ.
ކައުންސިލުން މިއަދު ބުނީ މިދިޔަ އަންގާރަ ދުވަހު އެ ލޯންޗުގައި އުޅޭ މީހުން އެ ބަދަރަށް ކައިރިކޮށް ތޮށިގަނޑު މައްޗަށް ކުނި އަޅާފައިވާ ކަމަށެވެ.
ކުނި އަޅައިގެން ޖޫރިމަނާ ކުރީ އެލްޖީއެން 101 ކިޔާ ލޯންޗެކެވެ. އެ މީހުން ލޯންޗުން ބާލާފައި ހުރީ ކަރުދާސް ހުސް ފޮއްޓާއި ލަކުޑިތަކެކެވެ.
އިއްޔެ އެ ލޯންޗު އަނބުރާ މާލެ އައުމުން، އުތުރުފަރާތު 1 ނަމްބަރު ޖެޓީގައި އޮއްވާ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓު ޔުނިޓުން އެ ލޯންޗު ހޯދުމަށް ފަހު، ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އެފަދަ މައްސަލަތަކީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނާ ކަމަކަށް ވާތީ، ކުނި އަޅައިގެން ޖޫރިމަނާ ކުރެ އެވެ.
ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 500ރ. އިންނެވެ. ތަކުރާރުވެއްޖެ ނަމަ 500ރ. އިތުރުވާ ގޮތަށް ހަދަ އެވެ.
މާލެ މަގުތައް ސާފުކުރިޔަސް ތަކުރާރުކޮށް ކުނި އަޅާތީ މީގެ ކުރިން ވެސް ވަރަށް ގިނަ މީހުން ޖޫރިމަނާ ކޮށްފައިވެ އެވެ.
މަގުތަކާއި އާއްމު ތަންތަނަށް ކުނި ނޭޅުމަށް ކައުންސިލުން އިލްތިމާސް ކުރެ އެވެ.