އިންސާނުންގެ ގުނަވަން ބަދަލުކުރުމުގައި އަމަލުކުރަން ޖެހޭނެ ގޮތްތައް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ މިދިޔަ އޮކްޓޯބަރު މަހު ހުށަހެޅުއްވި "އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލް" ފާސްކުރީ 68 މެމްބަރުންގެ އިއްތިފާގުންނެވެ.

އިޖުތިމާއީ ކޮމެޓީން އެ ބިލް ފާސްކުރިއިރު ހެލްތު މިނިސްޓްރީ އަދި ފަތުވާ ކޮމެޓީގެ ހިޔާލު ވަނީ ހޯދައިފަ އެވެ. އެއަށްފަހު، އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގެ މެމްބަރުކަމުން ވަކިވާނެ ގޮތާއި ގަވައިދުތައް ހަދަން ޖެހޭ މުއްދަތަށް އިސްލާހު ގެނެސްފައިވެ އެވެ. 

އެ ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނަ އޯގަން ޓްރާންސްޕްލާންޓް ކުރުމަށެވެ. އަދި ހަދިޔާކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުނަވަންތައް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ.

ގުނަވަން ހަދިޔާކުރާ މީހުންގެ ޝަރުތުތައް؛

  • އުމުރުން 18 އަހަރުވެފައިވާ މީހަކަށްވުން
  • ބުއްދި ސަލާމަތުން ހުރި ދިވެއްސަކަށްވުން
  • ގުނަވަން ހަދިޔާކުރަނީ އަމިއްލަ އިހްތިޔާރުގައި ރުހިގެން ކަމަށްވުން

އެ ބިލްގައި ބުނާގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާއެއް ނުކުރެވޭނެ އެވެ. އަދި ގުނަވަން ހަދިޔާ ކުރެވޭނީ އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ކައުންސިލެއްގެ ހުއްދަ ލިބިގެންނެވެ. އަދި އެކަމުގައި ސިއްހީ ދާއިރާގެ ފަރާތްތަކުގެ ލަފާ ވެސް ހޯދަންޖެހެ އެވެ.

އިންސާނުންގެ ގުނަވަން ބަދަލުކުރެވޭ ގޮތަށް މަޖިލީހުން ބިލެއް ފާސްކުރިއިރު، ސަރުކާރުގެ މައި ހޮސްޕިޓަލުން ދިޔައީ ކިޑްނީ ޓްރާންސްޕްލާންޓް ބަދަލުކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް، އެކަމަށް ހާއްސަ ގާނޫނެއް ނެތުމުން އެކަން މަޑުޖެހިގެން ދިޔައީ އެވެ. 

މި ފަހުން ޓްރީޓޮޕް ހޮސްޕިޓަލުން ވެސް ވަނީ ކިޑްނީ އާއި ލިވަ ބަދަލުކުރުމުގެ ފަރުވާ ފެށުމަށް ސަރުކާރުގެ ހުއްދައަށް އެދިފަ އެވެ.