އުމުރުން 79 އަހަރުގައި ޑިގްރީއެއް ހާސިލް ކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރުމުން ހަދީޖާ އަބްދުއްރަހުމާން ފެށީ އޭނާގެ ހިތުގައި ގުރުއާނަށް އޮތް ލޯތްބާއި ކިޔެވުމަށް ހުރި ޝައުގުގެ ވާހަކައިންނެވެ.

ތަނަވަސް އާއިލާއަކަށް ނުވުމުންނާއި ބެލެނިވެރިންގެ ފަރާތުން ކިޔެވުމަށް އެއްބާރުލުން ނުލިބުމުން ކުޑައިރު ކިޔެވުމަށް ފުރުސަތެއް ނުލިބުނެވެ. ނަމަވެސް ބޭބެއެއްގެ އެހީތެރިކަމާ އެކު ގުރުއާން ކިޔަވައި ހަތިމް ކުރުމަށް ހުރީ ފަރިތަވެފަ އެވެ.

"ދަސްވި އެއްޗަކީ ބޮޑުބޭބެގެ އެހީތެރިކަމާ އެކު ގުރުއާން ކިޔަވަން. ހަނދާނެއް ނުހުރޭ ގުރުއާން ނުކިޔަވާ ހަނދާނެއް. ކިޔެވުމުގެ ފުރުސަތު ނުލިބުނަސް ހިތުގައި އަބަދުވެސް އޮވޭ ކޮންމެ ވެސް ދުވަހަކުން އަޅުގަނޑު ކިޔަވާނަމޭ،" ހަދީޖާ ވިދާޅުވި އެވެ.

ހަދީޖާގެ ފިރިމީހާ އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުއްރަޝީދު އަލީއާ ކައިވެނި ކުރެއްވުމަށް ފަހު ލިބުނު ހިތްވަރުގައި ކިޔަވަން ފެށި އެވެ.

ރައްޓެހިންގެ ފަރާތުންނާއި މީހުން ކައިރީ އައްސަވައިގެން 1999 ވަނަ އަހަރު މައުހަދުން ގިރާއަތު ހިފްޒު ސެޓްފިކެޓް ލެވެލް 1 ނިންމެވި އެވެ. އަދި އޭގެ ފަހުން އަރަބި ބަސް ދަސްކޮށްދޭ ކޯހަކާއި އަރަބި ބަހުގެ ލެވެލް 1 ފުރިހަމަކުރެއްވި އެވެ.

އަރަބި ބަހުގެ އެކި ލެވެލްތައް ފުރިހަމަ ކުރެއްވުމަށް ފަހު، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)އިން އަރަބި ބަހުގެ ޑިޕްލޮމާ ނިންމަވައި، ބެޗްލާސް ޑިގްރީ ހާސިލްކުރެއްވީ މިދިޔަ ހަފުތާގައި ބޭއްވި ދަސްވެނިވުމުގަ އެވެ.

ހަދީޖާ ވިދާޅުވީ ކިޔެވުން ފުރިހަމަ ކުރުމަށް އެންމެ ބޮޑު ހިތްވަރަކަށްވީ ފިރިމީހާ ކަމަށެވެ. އަދި ނިޔާވުމާ ހަމައަށް ވެސް ކިޔެވުން ދޫކޮށް ނުލުމަށް ފިރިމީހާ ހިތްވަރު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ބަލިވެގެން ހޮސްޕިޓަލުގައި އޮތްއިރު ވެސް ބުނާނެ އެންމެ ދެ ގަޑިއިރެއް ނޫންހޭ ކިޔަވަން ދާނީ. ގޮސްލާފައި އައިސް ވެސް މިތާ އިނދެވޭނެއޭ ބުނާނެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެދުނީ ކިޔެވުން ހުއްޓާ ނުލާން،" އޭރުގެ ހަނދާންތައް އާކުރައްވަމުން ހަދީޖާ ވިދާޅުވި އެވެ.

"ފިރިމީހާ އެދުނު އެދުނު ގޮތަށް ކިޔެވުން ހުއްޓާނުލައި ކުރިއަށް ގެންގޮސް އިރާދަކުރެއްވިއްޔާ މިއަދު އެކަން ހާސިލް ކުރެވިއްޖެ." 

އެ ކާމިޔާބީގެ ފަހަތުގައި ދެން އޮތީ ދަރިންނާއި މާމަ ދަރިންގެ ފަރާތުން ލިބުނު އެއްބާރުލުން ކަމަށާއި ކުރިއަށް ވަޑައިގަތުމަށް އެންމެ އެހީވީ އެކުގައި ކިޔެވި ދަރިވަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަދީޖާގެ ބޭފުޅުންގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ ފިޒާނާ ރަޝީދާއި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ. 

"ހުރިހާ ޓީޗަރުން ވެސް ވަރަށް ރަނގަޅު. އަޅުގަނޑުގެ ކްލާސް ކުދިންނަކީ ވަރަށް ރަނގަޅު ވަރަށް އޯގާތެރި، އެއީ ހަމަ ރަހުމަތްތެރިކަމުގެ ނަމޫނާ ކުދިންތަކެއް. އެ ކުދިންގެ ވެސް ހިތްވަރުން މި ކާމިޔާބީ ހާސިލް ކުރެވުނީ،" ހަދީޖާ ވިދާޅުވި އެވެ.

ހަދީޖާގެ އަމާޒަކީ ހަމައެކަނި ފުރަތަމަ ޑިގްރީއާ ހަމައަށް ކިޔަވައި ވިދާޅުވުމެވެ. މާސްޓާސް ނުވަތަ ޕީއެޗްޑީ ފަދަ މަތީ ސަނަދެއް ހާސިލް ކުރެއްވުމުގެ ޝައުގުވެރިކަމެއް އަދި އޭނާގެ ނެތެވެ.

ޑިގްރީގެ ކިޔެވުން ފެށި ދުވަސްވަރު ގުރުއާން ހިތުދަސްކުރުމުގެ ކޯހެއްގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ދެ ކޯސް އެއްވަގުތެއްގައި ކުރިއަށް ގެންދިއުމަށް ދަތިވުމުން ފަސް ފޮތް ހިތުދަސް ކުރެއްވުމަށް ފަހު އެ ކޯސް މެދުކަނޑާލީ އެވެ. ނަމަވެސް މިހާރު ހަދީޖާގެ އަޒުމަކީ އަލުން ހިފްޒު ކޯހުގައި ބައިވެރިވުމެވެ.

މިހާރު އެ ފުރުސަތު އޮތް ނަމަވެސް ބޭނުންވަނީ އޭނާއާ އެކު، ކިޔެވި އެހެން ދަރިވަރުންނާއެކު އެކުގައި އެ ކޯސް ފެށުމަށްޓަކައި ރަސްމީކޮށް އިއުލާން ކުރާނެ ވަގުތަކަށް މަޑުކޮށްލައްވާށެވެ.