އާއްމުންގެ ޝަކުވާތައް ހުށަހަޅަން ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ބިއުރޯގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށް ޑރ. މާހިދު ޝަރީފް އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"އަށް މިދިޔަ ހޯމަ ދުވަހު މާހިދު  އައްޔަންކުރެއްވީ މިނިސްޓަރުގެ ފެންވަރުގައި ކަމަށެވެ. 

އާއްމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހަޅަން 24 ގަޑިއިރު ހިދުމަތް ދިނުމަށް ވަކި އޮފީހެއް ގާއިމްކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ. އޭގެ ފަހުން، އެ އޮފީސް އުފެއްދެވީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި އެ ތަނުގެ ހިދުމަތްތައް ރަސްމީކޮށް ވަރަށް އަވަހަށް އިފުތިތާހު ކުރާނެ އެވެ. 

ރައީސް އޮފީހުން ބުނީ އެ އޮފީހުގެ މައިގަނޑު މަސައްކަތަކީ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، އާއްމުން ހުށަހަޅާ ޝަކުވާތައް، އޭއައި އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި އަދި އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމެވެ.

އެ ބިއުރޯގެ ބައެއްގެ ގޮތުގައި 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ މާހިދު ވަނީ ސަރުކާރާއި ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި ޕާމަނަންޓް ސެކްރެޓަރީކަމާއި އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަން ހިމެނެ އެވެ. 

ރައީސް އޮފީހަށް އައްޔަން ކުރެއްވުމާ ހަމައަށް މާހިދު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ސީއީއޯގެ މަގާމުގަ އެވެ.