ރާއްޖޭގައި އުޅޭ ބަންގްލާދޭޝް މީހަކު އޭނާގެ އަނބިމީހާ ރާއްޖެއަށް ގެނެސް ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން އޭނާ ލައްވައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ. 

މީހުން ޓްރެފިކްކުރުމުގެ ކުށުގެ ތުހުމަތަށް ހައްޔަރުކުރި އުމުރުން 30 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ހާޒިރުކޮށް ބަންދަށް ވަނީ 10 ދުވަސް އިތުރުކޮށްފަ އެވެ. 

ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި އޭނާގެ އަނބިމީހާ ވަނީ އޭނާ ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން ހަށިވިއްކުވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފަ އެވެ. 

ނަމަވެސް، ހައްޔަރުކުރި މީހާ ކޯޓުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުކުރާ އެއްވެސް ކަމެއް އޭނާ ކޮށްފައި ނުވާނެ ކަމަށެވެ. 

ތަރުޖަމާނަކާއި ވަކީލެއްގެ އެހީ ވެސް ހޯދަމުން އަންނަ މީހާގެ މައްޗަށް ތުހުމަތުވާ ކަންކަން ކުރި ކަމަށް ބެލެވޭ ކޮންމެވެސް ވަރެއްގެ ހެކި ކޯޓަށް ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހާދިސާ ރިޕޯޓާއި ފުލުހުންގެ ބަޔާނާއި އަނިޔާ ލިބުނު މީހާއާ ގުޅޭ ލިޔެކިޔުންތައް ހިމެނެ އެވެ. 

މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި މި މީހާ ތަހުގީގަށް 10 ދުވަހު ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވާއިރު މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.