އިތުރު ބަޔަކާ ގުޅިގެން މާލޭގައި ބިދޭސީއަކު ރަހީނު ކުރިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އިތުރު ބަޔަކާ ބައިވެރިވެގެން ބަންގްލަދޭޝް ފިރިހެނަކު ރަހީނުކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި އިއްޔެ 36 އަހަރުގެ ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރަހީނުކުރި ބަންގްލަދޭޝް މީހާ ސަލާމަތްކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މީހުން ރަހީނު ކުރުމުގެ މައްސަލަތައް ދަނީ އާންމު ވަމުންނެވެ.
އެގޮތުން މިދިޔަ މާޗް މަހު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ތަނެއްގެ ތެރޭގައި ބިދޭސީއަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައެއްގައި ބިދޭސީންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މިދިޔަ ފެބްރުއަރީ މަހު ވެސް މީހަކު ރަހީނުކުރި މައްސަލައެއްގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކުރި އެވެ.