މީހަކު ކިޑްނެޕްކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓި މައްސަލައެއްގެ ރިޕޯޓު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:25 ހާއިރު ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ މީހާ ބަންދުކޮށްފައި ހުރި ތަނަށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަދެ، އެ ރޭ 2:30 ހާއިރު އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށާއި  އޭނާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަަށްވާ އިގުބާލް މިއާ، 35، އެވެ. 

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ. 

އޮފިޝަލް ވިދާޅުވީ އިގުބާލަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެއް ކަމަށެވެ. 

އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.