ކޮލަމްބޯ ޕޯޓުން ރާއްޖެއަށް ކޮންޓޭނަރު ގެނައުމަށް ދިމާވި ދަތިތައް މިހާރު ހައްލުކޮށްފައިވާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.
އެމްޕީއެލް އިން ބުނީ މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމަށް ދަތިތަކެއް ކުރިމަތިވީ މިއަހަރުގެ ކުރީކޮޅުން ފެށިގެން، މުދާ ހިފައިގެން އަންނަ ބޯޓު ފަހަރުގެ އަދަދު އިތުރުވުމުން ކަމަށެވެ. ބައެއް ބޯޓު ފަހަރުން ކުރިން އެއްފަހަރާ ގެންނަ އަދަދަށް ވުރެ ގިނައިން ކޮންޓޭނަރު ގެންނަ ކަަމަށާއި އޭގެ ސަބަބުން ބަނދަރުގައި މުދާ ބޭލުމުގައި ހޭދަވާ ދުވަސްތައް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން އުފެދުނު ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގައި ވެސް ދަތިތަކެއް ކުރިމަތިވި އެވެ.
އެކަމަކު މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮލަމްބޯ ޕޯޓުގައި ނުގެނެވި ހުރި 4000 އަށް ވުރެ ޓީއީޔޫ އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުތަކުގެ މަސައްކަތުން ރާއްޖެ ގެނެސްފައިވާ ކަމަށާއި މިހާރު މާލޭ ބަނދަރާއި ކޮލޮމްބޯ ޕޯޓާދެމެދު މުދާ އުފުލާ ބޯޓު ފަހަރުން ކުރަމުންދަނީ "ނޯމަލް ޝެޑިއުލް" ދަތުރުތައް ކަމަަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލް އިން ބުނީ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިތަކާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް މިވަގުތަށް ހޯދޭނެ ހައްލުތައް ދެނެގަނެ ފިޔަވަޅުތައް އެޅުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން މާލޭގެ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރަށް ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތުގެ ފުރަތަަމަ ފިޔަވަހި ޗައިނާގެ ޗައިނާ ހާބާ އިންޖިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ވަނީ ހަވާލުކޮށްފަ އެވެ. އަދި އެ ބަނދަރުގައި ހިމެނޭ 100 މީޓަރުގެ ކީވޯލާއި އެ ސަރަހައްދުގެ ޕޭވިން މަސައްކަތްތައް ހަވާލުކުރީ އެމްޓީސީސީއާ އެވެ.
އެމްޕީއެލް އިން ބުނީ އެއީ ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ ކްލިއަރަންސްގެ އޮޕަރޭޝަންސްތަކަށް މި ވަގުުތު ތަރައްގީކުރާ ސަރަހައްދެއް ކަމަށާއި އެ ކުންފުނިން އަމާޒުކުރަނީ މި އަހަރުގެ އޮކްޓޫބަރު މަހަށް އެ ސަރަހައްދުގެ މަސައްކަތް ނިންމުމަށް ކަމަށެވެ. އެ މަސައްކަތް ނިމުމުން، އެ ސަރަހައްދުގައި ކަނޑުމަގުން މުދާ ކްލިއާކުރުމުގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.
އެކަމަކު ތިލަފުށި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ފުރިހަމަވުމުން، އެ ސަރަހައްދު ބޭނުންކުރާނީ އެ އެމްޕީއެލްގެ އުޅަނދުތަކަށް ހާއްސަ ކުރެވޭ "ސަވިސް ކީ" އެއްގެ ގޮތުގަ އެވެ.
ޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ޕްރޮޖެކްޓް ހިންގަނީ އެމްޕީއެލްއަށް ތިލަފުށިން ހޯދާފައިވާ 20 ހެކްޓަރުގެ ބިމެއްގަ އެވެ. ބަނދަރުގެ ފުރަތަމަ ފޭސް ނިމުމުން، އާގުބޯޓެއް ހުސްކުރަން ހޭދަވާނީ 48 ގަޑި އިރެވެ. ބޯޓެއް ހުސްކުރަން މިހާރު ފަސް ދުވަސް ނުވަތަ ހަ ދުވަސް ހޭދަވެ އެވެ.