ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ކަޅުބިލަމަސް ގަންނަ އަަގު މިއަދު 20.ރ އަށް ބޮޑުކޮށްފި އެވެ.

މިފްކޯއިން އާއްްމުކޮށްފައިވާ އަގު ލިސްޓްގައިވާ ގޮތުން ފެލިވަރާއި ކޫއްޑު އާއި އައްޑޫގައިވާ އެ ކުންފުނީގެ ފިޝަރީޒް ކޮމްޕްލެކްސް ތަކަށާއި ގއ. ދާންދޫ ބަނދަރާއި ގދ. ތިނަދޫ ބަނދަރާއި އެ އަތޮޅު ފަރެސްމާތޮޑާ ބަނދަރާއި ފުވައްމުލަކު ބަނދަރުން ވެސް މިހާރު ކަޅުބިލަމަހާއި، 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް މިހާރު ގަންނަނީ 20ރ. އަށެވެ.  ފަނަރަ ކިލޯއަށް ވުރެ ބަރު ނަމަ ކަންނެލި ކިލޯއަކަށް ދޭނީ 25ރ. ކަން ވެސް އެ ލިސްޓުން އެެނގެ އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު މުަހައްމަދު އަނަސް "މިހާރު" އަށް މިއަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، މަސްގަންނަ އަގު 20ރ. އަށް ޖައްސަން މިފްކޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންވީމާ ސަޕްލައި އާއި ޑިމާންޑަށް ބަލައި އަގު މަތިކުރީ ކަމަށެވެ. ނަމަވެސް ޑިމާންޑާއި ސަޕްލައިއަަށް ބަލައި އެ އަގަށް ބަދަލުތައް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަގަށް ބަދަލު އަޔަސް، މަސް ކިލޯއެއްގެ އަގު 18.ރ ގައި ހިފަހައްޓާލެވޭތޯ މިފްކޯއިން މަސައްކަތްކުރަމުން މި އަންނަނީ. އެއީ ހަރަދުކުޑަކޮށްގެންނާއި އިސްރާފު މަދުކޮށް، ކުންފުނީގެ ހިންގުން ހަރުދަނާކޮށްގެން،" އަނަސް ވިދާޅުވި އެވެ.

"މަސް ކިލޯއެއް 20.ރ އަށް މި ބަދަލުކުރީ މިހާރު މަސް ބާނާ މިންވަރު ވެސް މަދުވީމާ، މަހަށް ފުރަން މަސްވެރިންނަށް ހިތްވަރު ވެސް އެބަ ދޭން ޖެހޭ."

އަނަސް ވިދާޅުވި ގޮތުގައި ރޯމަހުގެ ގޮތުގައި ދަށް އަގުގައި ބޭރުކުރަން ޖެހޭ މަހުގެ މިންވަރު މަދުކުރަން ކޯލްޑް ސްޓޯރޭޖް އިތުރުކުރަން ވެސް މިފްކޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ.  އެއީ ވެސް އޭނާ ވިދާޅުވި ގޮތުގައި މަސް ގަންނަ އަގު ދަށް ނުކުރަން ކުރާ މަސައްކަތްކަތެކެވެ.

"އަޅުގަނޑުމެން ލަފާކުރާ ގޮތުގައި އަންނަ އަހަރުގެ އޭޕްރިލް ހިސާބުގައި އެ މަސައްކަތްތައް ނިމޭނެ. އޭރުން މަހުގެ އަގު ހިފަހައްޓައިގެން ކުރިއަށް ދެވޭނެ،" އަނަސް ވިދާޅުވި އެވެ.

މަހުގެ އަގު މާކެޓް ރޭޓާ އެއްގޮތަށް ބަދަލުވާން ދޫކޮޮށްލި ފަހުން މިހާތަނަށް ކަޅުބިލަމަަސް ކިލޯއެއް މިފްކޯއަަށް ގަންނަމުން އައީ އާއްމު ކޮށް 16ރ. ގެ ރޭޓުންނެވެ.