މަރާމާތުކުރަން ބަންދުކުރި ރަސްފަންނު ބީޗު ދެ މަސް ދުވަހަށް ފަހު މާދަމާއިން ފެށިގެން އާއްމުންނަށް ހުޅުވާލަން ނިންމައިފި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިރޭ ކުރި އިއުލާނުގައި ބުނީ ރަސްފަންނުގައި މޫދަށް އެރޭ ސަރަހައްދު މަރާމާތުކޮށް ނިމިފައިވާ ކަމަށެވެ.

އެހެންވެ، މާދަމާއިން ފެށިގެން އެ ތަން އާއްމުންނަށް ހުޅުވާލާނެ ކަމަށް ބުންޏެވެ.

މަރާމާތުކުރަން ރަސްފަންނު ވަގުތީގޮތުން ބަންދުކުރީ މިދިޔަ އޭޕްރީލް ނުވަ ވަނަ ދުވަހުން ފެށިގެންނެވެ.

ރަސްފަންނު ވަރަށް ބޮޑަށް ގިރައިގެން ދިއުމާއި އެ ތަނުގައި ބަހައްޓާފައި ހުރި ހަޓުތައް ހަލާކުވެފައި ހުންނާތީ، އެ ސަރަހައްދު ރަނގަޅަށް ބޭނުން ނުކުރެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. 

އެ ތަން މަރާމާތުކުރަން ސިޓީ ކައުންސިލުން ކުރިން މަސައްކަތް ފެށި އެވެ. ނަމަވެސް، ފަހުން އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެކަމާ ހަވާލުވީ އެވެ.