ލޭ ހަދިޔާކުރުމުގައި ދީލަތިވުމުގެ ފުރުސަތުގެ ބޭނުންކޮށް، އިންސާނިއްޔަތަށް ހިދުމަތް ދިނުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ގޮވާލައްވައިފި އެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވަމުން ފަސްޓް ލޭޑީ ވިދާޅުވީ ލޭ ހަދިޔާކުރާ މީހުންނަކީ އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން ހާއްސަ ޝަރަފުވެރި ބައެއް ކަމަށެވެ.

ލޭ ހަދިޔާކުރާ މީހުންގެ ޝަރަފުގައި ހާއްސަ ދުވަހެއް ފާހަގަކުރަނީ އެ މަތިވެރި އިންސާނީ ސަދަގާތަށް ހިތްވަރުދީ އަދި އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޖާނުން ހޭދަކުރުމުގެ މަތިވެރި އަހުލާގު އާލާކުރުމަށް ކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ.

ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާ އަދި ހެލްތު މިނިސްޓަރު ގީލާ އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާ އަދި ހެލްތު މިނިސްޓަރު ގީލާ އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އޭގެ އިތުރުން، އިންސާނީ މުޖުތަމައުގައި ކުލުނާއި އިހުތިރާމް އާލާކުރުމަކީ ވެސް ލޭ ހަދިޔާކުރާ މީހުންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ. 

ލޭ ހަދިޔާކުރުމަށް ބިރުގަނެ، ފަސްޖެހޭ މީހުންނަށް ވެސް ފަސްޓް ލޭޑީ ވަނީ އިންސާނިއްޔަތުކަމުގެ އަގުހުރި ހިދުމަތުގެ ދަރުމަ ލިބިގަތުމަށް ހިތްވަރު ދެއްވައިފަ އެވެ. 

ލޭ ހަދިޔާކުރާ މީހުންގެ ބައިނަލްއަގްވާމީ ދުވަހަކީ ޖޫން 14 އެވެ. މި އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "އިންސާނިއްޔަތުކަމުގެ މަތިވެރި އަމަލެއް؛ ލޭ ހަދިޔާކުރައްވައި، ފުރާނައެއް ސަލާމަތްކޮށްދެއްވާ!" އެވެ.

އެ ހާއްސަ ދުވަހުގެ ރަސްމިއްޔާތުގައި ވަނީ ދިގު މުއްދަތަކަށް ލޭ ހަދިޔާކުރި މީހުންނާއި އަލަށް ލޭ ހަދިޔާ ކުރަން ފެށި 18 އަހަރުގެ މީހުންނާއި މިދިޔަ އަހަރު އެންމެ ގިނަ ބްލަޑް ޑޮނޭޝަން ކޭމްޕު ބާއްވައިފަ އެވެ.