ކެންސަރު ބައްޔަށް ފަރުވާކުރުން ހިމެނޭ ގޮތަށް މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ހުޅުމާލެ 2 ގައި އަޅަން މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ކެންސަރު ބައްޔަށް ފަރުވާދޭން ހާއްސަ ހޮސްޕިޓަލެއް ލ. ގަމުގައި އަޅަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ނިންމީ ލ. ގަމުގަ އެވެ. ނަމަވެސް މިސަރުކާރުން ވަނީ އެ ހޮސްޕިޓަލް މާލެ ސަރަހައްދުގައި އަޅާށެވެ. 

ދަރުމަވަންތަ ހޮސްޕިޓަލާ އިންވެގެން އޮތް ބިމުގައި އެ ހޮސްޕިޓަލް އަޅަން ފީސިިބިލިޓީ ސްޓަޑީއެއް ހަދަން ހެލްތު މިނިސްޓްރީން 2024 ވަނަ އަހަރު އިއުލާނު ވެސް ކުރި އެވެ. 

އެ ހޮސްޕިޓަލް ނިންމައި ހިދުމަތް ދެވޭނެ ދުވަހަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ 2 ގައި 25 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް އަޅަން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ ހޮސްޕިޓަލް ނިންމައި 2028 ގައި ހިދުމަތްދޭން ފަށާނެ ކަމަށެވެ. 

މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ހެލްތު މިނިސްޓަރު ގީލާ އަލީ ޖަވާބު ދެއްވަނީ-- ފޮޓޯ: މަޖިލިސް
މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ހެލްތު މިނިސްޓަރު ގީލާ އަލީ ޖަވާބު ދެއްވަނީ-- ފޮޓޯ: މަޖިލިސް

"ކެންސަރު ބައްޔަށް ހާއްސަ ފަރުވާކުރެވޭނެ ހާއްސަ ހޮސްޕިޓަލެއް، މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތެއް. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް، ކެންސަރުގެ ހިދުމަތްތައް ހިމެނޭ ގޮތަށް، އަދި މެޓާނަލް އެންޑް ޗައިލްޑް ހެލްތުގެ ހިދުމަތްތަކާ އެކު ގާއިމްކުރުމުގެ މަސައްކަތް މިހާރު މި ދަނީ ކުރަމުން،" ގީލާ ވިދާޅުވި އެވެ.

ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް މިހާރު އޮތް ހިސާބަކާ ބެހޭ ގޮތުން ކުރި ސުވާލަކަށް މިނިސްޓަރު މިމޭރުމުން ޖަވާބުދެއްވި ނަމަވެސް ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއްގެ ޕްލޭން ބަދަލުވީކަމެއް ނުވަތަ ނޫންކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ހުޅުމާލޭ 2 ގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް 2028 ގެ ކުރިން ނިންމައި ހިދުމަތްދޭން ފަށާއިރު އެ ހޮސްޕިޓަލުން ކެންސަރު ބަލީގެ އަސާސީ ހުރިހާ ފަރުވާއެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި މަސައްކަތް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިިއަށް ގެންގޮސް 2028 ގެ ކުރިން، ކެންސަރު ބައްޔަށް ބޭނުންވާ އަސާސީ ފަރުވާތަކާއި ބަލި ދެނެގަތުމަށް ބޭނުންވާ އެންމެހާ ހިދުމަތްތައް، އެއީ ރޭޑިއޯ ތެރަޕީ، ކީމޯތެރަޕީ ޕެޓްސިޓީ ފަދަ ހިދުމަތްތައް މި މަރުކަޒުން ފޯރުކޮށްދެވޭނެ،" ގީލާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކެންސަރުބައްޔަށް ފަރުވާ ދިނުމުގެ ހިދުމަތްތައް ރާއްޖޭގެ ބައެެއް ހޮސްޕިޓަލްތަކުަގައި މިހާރު ވެސް ހުރީ ގާއިމްކޮށްފަ އެވެ. އައިޖީއެމްެއެޗާއި ހުޅުމާލެ ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ހިދުމަތް މިހާރު ވެސް ލިބޭނެ ކަމަށާއި އެ ދެ ހޮސްޕިޓަލްގައި އެކަމަށް ހާއްސަ ނުވަ އެނދު ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަދި މި ހިދުމަތް، އައްޑޫ، ހދ. ރ. ގދ. ގައި ގާއިމްކޮށް، މި ހިދުަމަތްތައް ފޯރުކޮށްދެމުން ގެންދެވޭ، އަމިއްލަ ހޮސްޕިޓަލްތަކުގައި ވެސް ރާއްޖޭގައި ފޯރުކޮށްދެވި ރައްޔިތުންނަށް ލިބެމުންދޭ،" ގީލާ ވިދާޅުވި އެވެ.

އޭގެ އިތުރުން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގެ ވިޒިޓިމން ޑޮކްޓަރުން ވެސް ކޮންމެ މަހަކު އަދި ބައެއް ފަހަރު ދެމަހުން އެއްމަހު ހުޅުމާލެ ހޮސްޕިޓަލަށް ޒިޔާރަތްކޮށް ފަރުވާ ދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.