ސިނގިރެޓަކުން ނަގާ ޑިއުޓީ 8ރ. އިން 4ރ. އަށް ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ. 

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި އެ ބިލް ދިރާސާކޮށް މަޖިލީހުން އެ ބިލް ފާސްކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އެ ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހުގައި ހިމެނޭ ކަންކަން

  • ސިނގިރޭޓް - ޑިއުޓީ 30 ޕަސެންޓް އަދި ކޮންމެ ސިނގިރޭޓަކުން ނަގާ ޑިއުޓީ 4ރ. އަށް ދަށްކުރުން 
  • ބިޑި - ޑިއުޓީ 30 ޕަސެންޓް އަދި ބިޑިއަކުން ނަގާ ޑިއުޓީ 4ރ. އަށް ދަށްކުރުން
  • ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތައް - ޑިއުޓީ 30 ޕަސެންޓް އަދި ސްޓިކްއަކުން 4ރ. އަށް ދަށްކުރުން

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރު ކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ. 

އެ ބިލް ތަސްދީގު ކުރެއްވުމާއެކު، އިސްލާހު ކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިސްލާހުކޮށް ގެޒެޓުގައި އާންމު ކުރަންޖެހޭނެ ކަމަށް އެ ބިލްގައިވެ އެވެ. 

ދުންފަތުގެ އިމްޕޯޓް ޑިއުޓީ އަށް އެންމެ ފަހުން ބަދަލު ގެނައީ ނޮވެމްބަރު، 2024 ގަ އެވެ. އެފަހަރު ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކޮށްފަ އެވެ. ނަމަވެސް އެ އަގަށް ބަދަލު ގެނެސް ޑިއުޓީ ކުޑަކުރަން ނިންމީ ދުންފަތުގެ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާ އަށް ކުޑަކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗުއޯގެ ލަފާ ލިބިފައި ވާތީ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޑިއުޓީ ރޭޓަށް ބަދަލުތައް ގެނައުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމަށާއި އަދި އެ ރޭޓް ހިފަހައްޓާނީ އެއިރެއްގައި ކުރާ ދިރާސާތަކުން ދައްކާ ނަތީޖާއަކަށް ބަލައިގެން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.