ސިނގިރެޓަކުން ނަގާ ޑިއުޓީ 8ރ. އިން 4ރ. އަށް ކުޑަކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

ހޫނު ބަހުސްތަކެއް ކުރުމަށް ފަހު އެ ބިލް ބަލައިގަންނަން މިދިޔަ ބުދަދުވަހު ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަަރުންގެ އިއްތިފާގުންނެވެ. 

ސިނގިރެޓްގެ ޑިއުޓީ ކުޑަކުރާ ބިލަށް އެދުވަހުގެ ޖަލްސާގައި ކުރި ބަހުސް ހޫނުވެ، އެއް ޕާޓީން އަނެއް ޕާޓީއަށް ވައްކަމުގެ ތުހުމަތުތައް ވެސް ކުރި އެވެ.

ބަހުސްގައި ޕީއެންސީގެ މެންބަރުން ވިދާޅުވީ ސިނގިރެޓްގެ ޑިއުޓީ ސަރުކާރުން އޭރު ބޮޑުކުރީ ވޭޕް މަނާކުރުމާ އެކު ގިނަ ބަޔަކު ސިނގިރެޓަށް ބަދަލުކޮށްފާނެތީ ކަމަށެވެ. ނަމަވެސް އެހެން އެކަން ނުވާކަން ދިރާސާތަކުން އެނގިފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. 

ސިނގިރެޓްގެ ޑިއުޓީ ބޮޑު ކުރުމަށާއި ކުޑަކުރުމަށް ޕީއެންސީގެ މެންބަރުން ދައްކާ ވާހަަކަ ދިމާނުވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވުމުން، ޕީއެންސީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޕީއެންސީގެ މެންބަރުން ކުރިން ވެސް އަދި މިހާރު ވެސް ވާހަަކަ ދައްކަވަމުން ގެންދަވަނީ ޑިއުޓީ އަށް ބަދަލު ގެންނަން ޖެހުނު ސަބަބާ ބެހޭގޮތުން ކަމަށެވެ.

އެ ބިލު ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ބިލަށް ބައެއް ބަދަލުތައް ގެންނަން ގެންނަން ޖެހޭ ކަމަށް ބަހުަސްގައި މެންބަރުން ވިދާޅުވި ނަމަވެސް ހުށަހެޅުމެއްގެ ގޮތުގައި އެއިން އެއްވެސް ކަމެއް ހުށަނާޅާތީ ބިލު ފާސްކުރީ ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ގޮތަށެެވ.