ސިނގިރޭޓު ފޮއްޓަކުން 20ރ.، އެނާޖީ ޑްރިންކް ދަޅަކުން 8ރ. ބޮޑުވާ ގޮތަށް މަޖިލީހުން ފާސްކޮށްފި

ސިނގިރޭޓާއި އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މި އިސްލާހު ތަސްދީގުކޮށްފި ނަމަ، ސިނގިރޭޓު ފޮއްޓަކުން 20ރ.، އެނާޖީ ޑްރިންކް ދަޅަކުން 8ރ. ބޮޑު ވާނެ އެވެ.


ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހު ފާސްވީ 50 އަށް ވުރެ ގިނަ މެމްބަރުންގެ ވޯޓާ އެކުގަ އެވެ.

މި އިސްލާހަށް ބަހުސްކުރި ގަޑީގަ އާއި ވޯޓަށް އެހި ގަޑީގައި އެމްޑީޕީ މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖް ކުރައްވާފަ އެވެ. އެއީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީގެ ފަސް ޕަސެންޓް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ދުންފަތުން އާންމުން ދުރުކުރުމުގެ ހަރަކާތްތައް ހިންގަން މު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއިލް ހުށަހެޅުއްވި އިސްލާހު ބަލައިނުގަތުމުންނެވެ. އެ އިސްލާހު ބަލައިނުގަތް ސަބަބެއް ރިޔާސަތުން އަންގާފައިނުވާ ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވި އެވެ.

އެހެންވެ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންނަވާ ގޮނޑި ފައްޔާޒް ހިސޯރުކުރެއްވި އެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުން ތަޅުމުގައި އަޑުގަދަކުރެއްވި އެވެ. އަދި މަސީހު، ޖަލްސާ ކުރިއަށް ގެންދެވީ ވަޒީރުން ތިއްބަވާ ތަނުން ގޮނޑިއެއްގައި އިންނަވައިގެންނެވެ.

ބިލް ދިރާސާކުރި އިގްތިސާދީ ކޮމެޓީ އާއި މުޅި މަޖިލީހުގެ ކޮމެޓީން ވަނީ ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ އަދަދު ދެ ގުނަ އަށް ބޮޑުކުރަން ފާސްކޮށްފަ އެވެ. އަދި މަޖިލީހަށް ހުށަހެޅި ބިލަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ސޮފްޓް ޑްރިންކުން ޑިއުޓީގެ ގޮތުގައި ލިޓަރަކަށް 4.60ރ. ނެގުމަށާއި އެނާޖީ ޑްރިންކުން ލިޓަރަކަށް 33.64ރ. ނެގުން ހިމެނެ އެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅިއިރު އޮތީ އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ވެސް ލިޓަރަކަށް 4.60ރ. ނަގާ ގޮތަށެވެ.

އެހެންކަމުން 20ރ. އަށް ލިބޭ ރެޑްބުލް ދަޅެއްގެ އަގު 28ރ. އަށް، ކުރިއަށް އޮތް ތަނުގައި، އަރާނެ އެވެ. އަދި 15ރ. އަށް ވިއްކާ އެކްސްއެލް ދަޅެއް، ގާނޫނަށް އަމަލްކުރަނ ފެށުމުން، ދެން ލިބޭނީ 23ރ. އަށެވެ.

މީގެ އިތުރުން މިހާރު ސިނގިރޭޓަކަށް ނަގާ 1.25ރ ގެ ޑިއުޓީ އަށް 75ލ. ބޮޑުކޮށް، ސިނގިރޭޓްގެ ކޮންމެ އިންވޮއިސްގެ ޖުމްލަ އަގުން 25 ޕަސެންޓް ނަގަން ވެސް ވަނީ ފާސްކޮށްފަ އެވެ.

ސިނގިރޭޓް ފޮއްޓެއް މިހާރު އެވްރެޖްކޮށް ވިއްކަނީ 50ރ. އަށެވެ. އަދި ވަކިން ސިނގިރޭޓެއް 2.50ރ. އަށް ވިއްކާއިރު، ގާނޫނަށް އަމަލްކުރަން ފެށުމުން ވަކި ސިނގިރޭޓެއްގެ އަގު 3.50ރ. އަށް އަރާނެ ކަމަށް ބެލެވެ އެވެ.

ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރުމުން، މިހާރު އެއެއިން ލިބޭ އާމްދަނީ އަށް، 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 497 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެތެރެކުރިއިރު، ސިނގިރޭޓު އިމްޕޯޓްކޮށްގެން އާމްދަނީގެ ގޮތުގައި 622 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު 460 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެތެރެކުރި އެވެ.