ކޮމެޓީން ފާސްކުރީ ސިނގިރޭޓް ފޮއްޓަކުން 20ރ. ބޮޑުވާ ގޮތަށް

ސިނގިރޭޓާއި އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ފާސްކޮށްފި އެވެ. ކޮމެޓީން ގެނައި ބަދަލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި ނަމަ ސިނގިރޭޓަކުން ރުފިޔާއެއް ބޮޑުވެގެން ދާނެ އެވެ. އެއީ ސިނގިރޭޓް ފޮއްޓަކުން ވިހި ރުފިޔާގެ ބޮޑުވުމެކެވެ.


ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހު ކޮމެޓީން ފާސްކުރީ ބިލަށް ބައެއް ބަދަލުތައް ގެނައުމަށް ފަހު އެވެ. މި ބިލު ފާސްކުރަން ފެނޭތޯ އަންނަ ހަފްތާގައި މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.

ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ކޮންމެ ސިނގިރޭޓަކުން 75ލ. ޑިއުޓީ ބޮޑުކޮށް އޭގެ އިތުރުން ސިނގިރޭޓްގެ ކޮންމެ އިންވޮއިސް ވެލިއުއެއްގެ ގޮތުގައި 25 ޕަސެންޓް ނެގުން ވަނީ ހިމަނައިފަ އެވެ. ސިނގިރޭޓް ފޮއްޓެއް މާލޭގައި މިހާރު އެވްރެޖްކޮށް ވިއްކަނީ 50ރ. އަށެވެ. އަދި ވަކިން ސިނގިރޭޓެއް 2.50ރ. އަށް ވިއްކާ އިރު، މިގޮތަށް ފާސްކޮށްފި ނަމަ ވަކި ސިނގިރޭޓެއްގެ އަގު 3.50ރ. އަށް ބަދަލުވެގެން ދާނެ އެވެ.

ގަމު ދާއިރާގެ މެމްބަރު ފައްޔާޒް. އޭނާ ހުށަހެޅުއްވި އިސްލާހެއް ކޮމެޓީން ވަނީ ފެއިލްކޮށްލާފައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަނީ 1.25ރ. އެވެ.

އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރީ ލީޓަރަކަށް 4.60ރ. ނަގާށެވެ. އޭރުން ގާތްގަނޑަކަށް 25ރ. ރުފިޔާގެ އެނާޖީ ޑްރިންކު ދަޅަކުން ރުފިޔާއެއް ވަރު ބޮޑުވެގެން ދާނެ އެވެ. ސޮފްޓް ޑްރިންކުން މިހާރު ވެސް ނަގާ ގޮތަށް ޑިއުޓީގެ ގޮތުގައި 15 ޕަސެންޓް ނަގާ ގޮތަށް ވަނީ ކޮމެޓީން ފާސްކުރި އިސްލާހުގައި ވެ އެވެ.

ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށްގެން 200 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 497 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެތެރެކުރި އިރު، ސިނގިރޭޓު އިމްޕޯޓްކޮށްގެން އާމްދަނީގެ ގޮތުގައި 622 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު 460 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެތެރެކުރި އެވެ.