ސިނގިރެޓަކުން ނަގާ ޑިއުޓީ 8ރ. އިން 4ރ. އަށް ކުޑަކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހަށް މިއަދު ބަލައިގެންފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޫނު ބަހުސްތަކެއް ކުރުމަށް ފަހު އެ ބިލް ބަލައިގަންނަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަަރުންގެ އިއްތިފާގުންނެވެ. 

ބިލް ފާސްކުރުން ހިމެނޭހެން މިއަދުގެ ޖަލްސާގައި ނެގި އެއްވެސް ވޯޓެއްގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ތަޅުމުގައި ހިނގި ޒުވާބުތަކަށް ފަހު އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން އިއްވައި ބޭރުކުރި އިރު ބައެއް މެންބަރުން ވަޑައިގެން ނުވެސް ނެތެވެ.

ސިނގިރެޓްގެ ޑިއުޓީ ކުޑަކުރުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި އެ ބިލު ދިރާސާކުރާނީ މުޅި މަޖިލީހުގެ ކޮމިޓީން ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވި އެވެ. 

މުޅި މަޖިލީހުގެ ކޮމިޓީއަށް ދިއުމަކީ އާއްމު ގޮތެއްގައި ބިލެއްގެ މަސައްކަތް އަވަސްކުރަން މަޖިލީހުގައި އަމަލުކުރާ އުސޫލެކެވެ.

ސިނގިރެޓްގެ ޑިއުޓީ ކުޑަކުރާ ބިލަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސް ހޫނުވެ، އެއް ޕާޓީން އަނެއް ޕާޓީއަށް ވައްކަމުގެ ތުހުމަތުތައް ވެސް ކުރި އެވެ.

ބަހުސްގައި ޕީއެންސީގެ މެންބަރުން ވިދާޅުވީ ސިނގިރެޓްގެ ޑިއުޓީ ސަރުކާރުން އޭރު ބޮޑުކުރީ ވޭޕް މަނާކުރުމާ އެކު ގިނަ ބަޔަކު ސިނގިރެޓަށް ބަދަލުކޮށްފާނެތީ ކަމަށެވެ. ނަމަވެސް އެހެން އެކަން ނުވާކަން ދިރާސާތަކުން އެނގިފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. 

ސިނގިރެޓްގެ ޑިއުޓީ ބޮޑު ކުރުމަށާއި ކުޑަކުރުމަށް ޕީއެންސީގެ މެންބަރުން ދައްކާ ވާހަަކަ ދިމާނުވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވުމުން، ޕީއެންސީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޕީއެންސީގެ މެންބަރުން ކުރިން ވެސް އަދި މިހާރު ވެސް ވާހަަކަ ދައްކަވަމުން ގެންދަވަނީ ޑިއުޓީ އަށް ބަދަލު ގެންނަން ޖެހުނު ސަބަބާ ބެހޭގޮތުން ކަމަށެވެ.

"އެއީ ވޭޕުން މި ލިބެމުންދާ [ގެއްލުން]، ޖީލެއް ހަލާކުރަމުން މިދާ ދިއުން، ބޭންކޮށްފައި އަޅުގަޑުމެން އޭރު ވިސްނުމަކަށް އައީ ވޭޕް ބޭންކުރީމާ އެ ކޮމިއުނިޓީ ދުންފަތަށް ހިޖުރަކޮށްފާނެތީ އައި ކަންބޮޑުވުން. އެއީ އަޅުގަނޑުމެން މިއަދު ވެސް އޮތް ކަންބޮޑުވުމެއް،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކަންބޮޑުވުން މިއަދު ވެސް އެބަ އޮތް ކަމަށާއި ނަމަވެސް އެކަން ދިރާސާކުރި އިރު، ވޭޕް ބޭނުންކުރަމުން އައި މީހުން އެ ބާވަތް މަނާކުރުމުން ދުންފަތަށް ހިޖުރަ ނުކުރާކަން އެނގިފައިވާ ކަމަށެވެ. އަދި އެއީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިނގިރެޓްގެ ޑިއުޓީ އަށް މިހާރު ބަދަލު ގެންނަން ޖެހިފައި މިހާރު އޮތީ އިލްމީ ދިރާސާތަކުގެ އަލީގައި "ޖުމްލަ ރިކޮމެންޑޭޝަން"އާ އެކީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ