ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވެލްނަސް ސެންޓަރު ހިންގައި ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
އެތަން ހިންގާނެ ބަޔަކު ހޯދަން އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހު ނުވައެއްގަ އެވެ. އެއަށްފަހު މައުލޫމާތު ބަދަލުވެގެން ދެ ފަހަރެއްގެ މަތިން ވަނީ އިއުލާނުކޮށްފަ އެވެ.
އިއްޔެ އެމްއެންޔޫއިން ކުރި އިއުލާނުގައި ބީލަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ދީފަ އެވެ. އެ ދުވަހުގެ ހެނދުނު 10:00 އަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައި ވާއިރު ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ނަމަ ބީލަން ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެމްއެންޔޫގެ ވެލްނަސް ސެންޓަރަކީ ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން، އާންމު މުޖުތަމައަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިން އަދި ނަފްސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒެކެވެ.
އެ ތަނަކީ އެމްއެންޔޫގައި ތައުލީމީ ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަމްރީނާއި އިންޓާންޝިޕް އަދި ސުޕަވައިޒްޑް ޕްރެކްޓިސްގެ ފުރުސަތުތައް ވެސް ފަހިކޮށްދޭ ތަނެކެވެ.
ވެންނަސް ސެންޓަރު ހިންގާ ނަމަ ދަރިވަރުންނަށް ބޭނުންވާ ޕްރެކްޓިކަލް އިންޓާންޝިޕް އަދި ފީލްޑް ޕްލޭސްމަންޓް ފުރުސަތުތައް ފޯރުކޮށްދޭންޖެހެ އެވެ. ކޮންމެ ސެމިސްޓާއެއްގައި މަދުވެގެން 10 ދަރިވަރުންނަށް އަމަލީ ތަމްރީނުގެ ފުރުސަތު ދިނުމާއި ސެންޓަރަށް މުވައްޒަފުން ނަގާއިރު އެ ޔުނިވާސިޓީގެ ދަރިވަރުންނާއި ދަސްވެނިންނަށް އިސްކަން ދިނުމަކީ އެތަން ހިންގާ ބަޔަކު ކުރަންޖެހޭ ކަމެކެވެ.