ދަތުގެ ފަރުވާގެ ފެންވަރު ރަނގަޅު ހިދުމަތްތައް ފުޅާކޮށް، ފަސޭހަކަމާ އެކު އެ ހިދުމަތްތައް އާންމުންނަށް ލިބޭނެކަން ކަށަވަރު ކުރުމަށް ސަރުކާރުން އިތުރަށް ސަމާލުކަން ދޭނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ރޭގައި ދެއްވައިފި އެވެ.
ސަރުކާރު ހޮސްޕިޓަލުތަކުން ދެމުން އަންނަ ދަތުގެ ފަރުވާގެ ހިދުމަތުގެ ރަންޔޫބީލް ފާހަގަކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ދަތުގެ ފަރުވާގެ ދާއިރާއިން އާ އީޖާދުތަކާއި ޒަމާނީ ފެންވަރުގެ ހިދުމަތްތަކެއް އާންމުންނަށް ފޯރުކޮށްދޭނެ އަހަރުތަކަކަށް ހެދުމަށް މަސައްކަތްކުރުމަށް އެ ދާއިރާގެ ފަންނީ ބޭފުޅުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ދަތުގެ ފަރުވާގެ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނާއި މިހާރު ވެސް ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ހާއްސަަ ގޮތެއްގައި މުހައްމަދު ސަލީމްގެ ނަން ފާހަގަކުރައްވައި، މިދިޔަ 50 އަހަރު ތެރޭގައި މެދުކެނޑުމެއްނެތި ސިއްހީ ދާއިރާއަށް އެ ބޭފުޅާ ކުރައްވަމުން ގެންދަވާ ހިދުމަތަކީ، ހުރިހާ އެންމެންނަށް ވެސް ނަމޫނާއެއް ކަމަށާއި އެ ހިދުމަތަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ތާރީހުގައި އަބަދުމެ ދެމިހުންނާނެ އަގުހުރި ތަރިކައެއް ކަމަށް ނައިބު ރައީސް ސިފަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނައިބު ރައީސް ވިދާޅުވީ ދަތުގެ ފަރުވާއާ ގުޅޭ ހާއްސަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ހިދުމަތުގައި މިއަދު ތިބުމަކީ ފަހުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މިފަދަ ހާއްސަ ހިދުމަތްތަކަކީ ހަމައެކަނި މާލެއަށް ބަރޯސާވެފައިވާ ހިދުމަތްތަކަކަށް ހެދުމުގެ ބަދަލުގައި، އަތޮޅު ތެރޭގައި ވެސް ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ދަތުގެ ފަރުވާގެ ހިދުމަތަކީ މުޅި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ފެންވަރު މަތީ ހިދުމަތަކަށް ވުމަކީ އުއްމީދެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ސަރުކާރުގެ ޑެންޓަލް ޑިޕާޓްމަންޓްގެ ތާރީހަށް އަލިއަޅުވާލައި އެކުލަވާލާފައިވާ ފޮތް "އިހުން މިއަދާ ހަމައަށް" އިފްތިތާހު ކޮށްދެއްވައިފަ އެވެ. އަދި ދަތުގެ ފަރުވާގެ އެކި ދާއިރާތަކުން ފުރަތަމަ ހިދުމަތް ދޭން ފެށި ދިވެހި މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑާއި ރާއްޖެއަށް ޑެންޓަލް ހިދުމަތް ތައާރަފު ކުރެއްވި ބޭބޭފުޅުންނަށް ވެސް ހާއްސަ އެވޯޑެއް ދެއްވައިފަ އެވެ.