މާލެ ސިޓީ ކައުންސިލުގެ މެދުރާސްތާގެ ފައިނޭންޝަލް ޕްލޭންގެ ދަށުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫއެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.
ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ކައުންސިލުން އާންމުކުރި ޑިވެލޮޕްމަންޓް ޕްލޭންގައިވާ ގޮތުން، އެ ފައިސާ ހޯދަނީ ޕްރަވެޓް ސެކްޓާއަށް އާންމުކޮށް ހުޅުވާލައިގެން ނެވެ.
އެ ޕްލޭންގައި ޕާކިން ބިލްޑިންގާއި ހައުސިން އާއި ލަފާފުރާ ބަނދަރުތަކާއި ޕާކުތަކާއި މައިޒާންތަކުގެ އިތުރުން ކޮމާޝަލް ބިލްޑިންގްތައް ހެދުން ހިމެނެ އެވެ.
އެ ޕްލޭނުގައިވާ ގޮތުން ކައުންސިލްގައި ރިޒާވް ފަންޑެއް ހުޅުވައި ކައުންސިލަށް އާމްދަނީ އިތުރުވާނެ ކަންކަމަށް ފަންޑުން އިންވެސްޓްކުރުން ހިމެނެ އެވެ. އެކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އާމްދަނީ އިތުރުކުރުމަށް ދެން ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ކައުންސިލްގެ ބިންތަކާއި އިމާރާތްތައް ކުއްޔަށް ދޫކުރާ، ބޭސް ރޭޓް ފްރޭމްވޯކެއް އެކުލަވައިލައި ތަންފީޒުކުރުން ހިމެނެ އެވެ.
ހަރަދު ކުޑަކުރުމަށް ކުރަން ނިންމައިފައިވާ ކަންތައްތަކުގެތެރޭގައި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން ހިމަނާފައިވެ އެވެ.
ކައުންސިލްގެ އިދާރީ ހިންގުމުގެ ހަރަދު، ބަޖެޓްގެ ނިސްބަތުން އަހަރުން އަހަރަށް އިތުރުވަމުންދާތީ "ޑިޖިޓަލް-ފަސްޓް" ސިޔާސަތެއް އެކުލަވައިލައި ތަންފީކުރަން ފެށުމަށް ވެސް ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ހަރަދު ކުޑަކުރުމަށް، މިހާރު ކުއްޔަށް ހިފައިފައިވާ އެކި އިމާރާތްތައް ދޫކޮށްލައި ކައުންސިލްގެ އިދާރީ ހިންގުން އެއް ފުރާޅެއްގެ ދަށަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އޭގެ އިތުރުން ކައުންސިލަށް ހޯދާ ތަކެތި އަގުހެޔޮކޮށް ހޯދުމަށް ގަނޑުކޮށް ތަކެތި ހޯދުން ވެސް ހިމެނެ އެވެ.