ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދައާ ގުޅޭ ސާވޭއެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށަން ތައްޔާރުވެއްޖެ އެވެ. 

މަރުކަޒީ ބޭންކުން ބުނީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަނބުރާ އަންނަ ދިވެހިންނަށް އަމާޒުކޮށްގެން "ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ"އެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. 

އެ ސާވޭ ކުރިއަށް ގެންދާނީ މި މަހުގެ 25 އިން ފެށިގެން 31 ގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގަ އެވެ. 

އެމްއެމްއޭ އިން ބުނީ އެ ސާވޭގައި މައިގަނޑު ގޮތެއްގައި ނަގާނީ ދަތުރުގެ މައިގަނޑު މަގްސަދާއި ދަތުރުކުރި ގައުމާއި ޓިކެޓުގެ ހަރަދާއި ހުރުމުގެ ހަރަދާއި ބޭސް ފަރުވާއަށް ކުރެވުނު ހަރަދުތަކުގެ އިތުރުން މުޅި ދަތުރަށް ކުރެވުނު ޖުމްލަ ހަރަދާ ގުޅޭ ފަދަ މައުލޫމާތު ކަމަށެވެ. މީހުންގެ ނަމާއި އެމީހުންގެ އެޑްރެސް ފަދަ ޒާތީ މައުލޫމާތުތައް ސާވޭގައި އެއް ނުކުރާނެ ކަމަށް ވެސް ބުންޏެވެ. 

އެމްއެމްއޭ އިން ބުނި ގޮތުގައި ސާވޭ ކުރާ މުއްދަތުގައި އެމްއެމްއޭ މުވައްޒަފުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި ސާވޭއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ އެވެ. އެހެންވެ، އެ މުއްދަތުގައި ރާއްޖެއަށް އަނބުރާ އަންނަ އެންމެންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެމްއެމްއޭ އިން އެދިފައިވެ އެވެ.