ސިހުރު ހަދާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިއްޔެ އިތުރުކޮށްފި އެވެ. 

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ސިހުރު ހެދުން / ސިހުރު ހެދުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ށ. ފޭދޫ، މޫސާ ނައީމް، 63، އެވެ. 

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 1 ގަ އެވެ. 

މޫސަގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެ ވެސް ވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ހާދިސާ އަދި ފޮޓޯ ރިޕޯޓު ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

ސިހުރު ހެދުމުގެ މައްސަލަތައް ގިނަވެ އެކަމުގެ ކަންބޮޑުވުން ބައެއް ރަަށްރަށުގައި ވަރަށް ބޮޑެވެ. މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކުރި ނަމަވެސް ދައުވާކޮށް އަދަބެއް ދެވޭ ހިސާބަށް ގިނަ މައްސަލަތައް ކުރިއަކަށް ނުދެ އެވެ.