މާލެ އިން ބޭރުގައި ގާއިމުކުރި ފުރަތަމަ ޕިކްޕޯސްޓުގެ ހިދުމަތް ހދ. ކުޅުދުއްފުށީގައި ގާއިމުކޮށް، އެ ތަނުން ހިދުމަތް ދޭން މިއަދު ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފި އެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ތަން ހުޅުއްވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު އެވެ. 

އެ ތަން ހުޅުވީ ކުޅުދުއްފުށީގައި ހުންނަ ޝަހީދު ކޯޕްރަލް ހުސެއިން އާދަމް ހަނދާނީ ބިނާ ކައިރީގަ އެވެ. 

ޕޯސްޓް އޮފީހުން ބުނީ އެ ހިދުމަތުގެ ސަބަބުން ޕާރުސަލް ނެގުމަށް ކިއުގައި މަޑުކުރަންނުޖެހި ހިދުމަތް ހޯދުމާއި ޕާރުސަލް ނެގުމަށް އެ އޮފީހުން މެސެޖުކުރާ ވަގުތުގެ ތެރޭގައި އެފަރާތަކަށް ފަސޭހަ ކޮންމެއިރެއްގައި ގޮސް، ޕާރުސަލް ނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

އެ އޮފީހުން ބުނި ގޮތުގައި ކުޅުދުއްފުށީގެ ޕޯސްޓު އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ރަށްތަކާއި އެހެން ރަށްތަކަށާއި ސިޓީތަކަށް ފޮނުވުމަށް ބޭނުންވާ ތަކެތި ނުވަތަ ޕާރުސަލް ޕޯސްޓުކުރުމުގެ ހިދުމަތާއި ރާއްޖެއިން ބޭރު އެހެން ގައުމުތަކަށް ޕޯސްޓްކުރުމުގެ ހިދުމަތް ލިބޭނެ އެވެ. 

ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތަކަށް ހާއްސަ "ރަށު އޮންލައިން ފިހާރަ" ނުވަތަ "ކޮމިއުނިޓީ އޮންލައިން ޝޮޕް" ގައި ތަކެތި ވިއްކުމަށް ބޭނުންވާ އެހީތެރިކަމާއި ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުން އެ ގަންނަ ފަރާތްތަކަށް ޕޯސްޓުގެ ނިޒާމު މެދުވެރިކޮށް އިތުބާރާއި ޔަގީންކަމާ އެކު ރައްދުކޮށްދިނުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ޕޯސްޓު އޮފީހުން ބުންޏެވެެ.

 

ޕޯސްޓު އޮފީހުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ހިދުމަތް ފައްޓަވައިދެއްވައި، އެ ހިދުމަތް ހޯދި މީހަކާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން-- ފޮޓޯ: ޕޯސްޓް އޮފީސް
ޕޯސްޓު އޮފީހުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ހިދުމަތް ފައްޓަވައިދެއްވައި، އެ ހިދުމަތް ހޯދި މީހަކާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން-- ފޮޓޯ: ޕޯސްޓް އޮފީސް

އެ އޮފީހުން ބުނި ގޮތުގައި އީޓުކުރި ލޯކަލް މެދުވެރިކޮށް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ވެސް އެ ޕްލެޓްފޯމްގެ ތެރެއިން ފޯރުކޮށްދޭނެ އެވެ.

ޕޯސްޓް އޮފީހުން ބުނީ ޕޯސްޓުގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރެވޭ އެފަދަ މަސައްކަތްތަކުގެ ސަބަބުން ލީޑިން ޓްރޭޑް ފެސިލިޓޭޓަރެއްގެ ގޮތުން ޕޯސްޓު އޮފީހުން އަދާކުރަމުންދާ ރޯރު އިތުރަށް ފުޅާކުރެވި، ހިދުމަތްތައް ޒަމާނީކޮށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ. 

ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޕްލެޓްފޯމް "ޓީމޫ" ގެ ހިދުމަތް މިދިޔަ އަހަރު ރާއްޖެ އަށް ތައާރަފް ކުރުމާ އެކު ވަރަށް ބޮޑަށް ޕޯސްޓް އޮފީހަށް ވަނީ ބާރު ބޮޑުވެފަ އެވެ.