ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔޫޓިލިޓީގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކުރުމަށް މުވައްޒަފުން މަދުކުރަން ފެށި މަސައްކަތުގައި އަމިއްްލަަ އަށް ވަކިވާން ބޭނުންވެގެން އެދި ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މުވައްޒަފުންނަށް 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ވަކިވާން ބޭނުން މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލީ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ.
އެކަމާ ގުޅިގެން ބައެއް މީޑިއާތަކުގައި މިދިޔަ ހަފްތާ ރިޕޯޓުކުރީ ވަޒީފާއިން ވަކިވި މުވައްޒަފުންނަށް ދޭން ބުނި ހަތަރު މަހުގެ މުސާރަ ނުލިބޭ ކަމަށް މުވައްޒަފުން ބުނާ ކަމަށެވެ.
އެކަމާ ގުޅިގެން ފެނަކައިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކަމަށް އުސޫލެއް އެކުލަވާލައި ވަޒީފާއިން ވަކިވެވޭނީ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް އޭގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.
އެގޮތުން ހަތަރު މަހުގެ މުސާރައާއެކު ވަކިވާން ނިންމި މުވައްޒަފުންގެ އެއްބަސްވުން ހަދައި، އެ އެއްބަސްވުމާ އެއްގޮތަށް އެ މަސްތަކުގެ މުސާރަ ވެސް ދީ ނިންމާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
"ނަމަވެސް މިކަމާ ގުޅިގެން ފެނަކައިން މުވައްޒަފުންނަށް އޮޅުވާލާފައިވާ ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުންނާއި އާންމު ފަރާތްތަކުން މީޑިއާގެ އެކި ތަންތަނުގައި ފަތުރަމުން ގެންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. ކުންފުނިން އެކަށައަޅާ އުސޫލާ ހިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއް ވާގޮތަށް މި ކުންފުނިން އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ،" ފެނަކައިގެ ބަޔާނުގައިވެ އެވެ.
އަމިއްލައަށް ވަކިވާން ހުޅުވައިލި ފުރުސަތުގައި، 97 މުވައްޒަފުން އެ ފުރުސަތުގެ ބޭނުންހިފަން އެދިފައިވާކަމަށް ފެނަކައިން މީގެކުރިން ބުނެފައިވެ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހަސަން މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ކުންފުނީގައި 8،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށެވެ.
އޭނާ އޭރު ވިދާޅުވީ ފެނަކައިގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު އެހާ ގިނަވުމުން، އިދާރީ ގޮތުންނާއި ހިންގުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. އެހާ ގިނަ މުވައްޒަފުންނަށް މުސާރަ ދީފައި، ޖަނަރޭޓަރުތަކަށް ބޭނުންވާ ސްޕެއާޕާޓްތަކާއި ތެލާއި އެހެނިހެން ތަކެއްޗަށް ބޭނުންވާ ފައިސާ ހޯދަން ދަތިވާކަމަށް ވިދާޅުވި އެވެ.