ފުލުހުން ތަހުގީގުކުރި މައްސަލައެއްގައި ހިމެނޭ ޑޮލަރުތަކެއް، އެ އިދާރާގެ ބެލުމުގެ ދަށުގައި ހުއްޓާ ހަލާކުވި މައްސަލައިގައި އިހުމާލުވި ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެ އިދާރާއިން 2019 ވަނަ އަހަރު ތަހުގީގުކުރި މައްސަލައެއްގައި ހިމެނޭ މި ޑޮލަރުތައް ހުރީ ފިނޭންސް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ނަމަވެސް، އެކަމާ ހަވާލުވެ ހުރި މުވައްޒަފުންގެ އިހުމާލުން އެ ފައިސާތައް ހަލާކުވި ކަމަށް ބުނާ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކުރުމަށް ފަހު ގޮތެއް ނިންމަން ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން އެ ބޯޑުން ވަނީ އެ ފުލުސް އޮފިސަރު ވަކިކުރަން ލަފާދީފަ އެވެ.
އެކަމަކު، އިސްތިއުނާފު މަރުހަލާ ނިމެންދެން ވަޒީފާއިން ސަސްޕެންޑުކުރަން މި މަހުގެ ހަތް ވަނަ ދުވަހު ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެއީ މައްސަލައަކާ ގުޅިގެން ފުލުހުން ދިޔަ ސީނަކުން ފެނުނު 30،000 ޑޮލަރު (462،600ރ.) އެވެ. އަހަރުތަކެއް ކުރީގެ މައްސަލައަކަށް ވިއަސް ޑޮލަރުތަކުގެ މައްސަލަ ސަމާލުކަމަށް އައީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.