މީގެ ގާތްގަނޑަކަށް 45 އަހަރު ކުރިން ހުވަދޫ ކަނޑަށް ގެއްލުނު ގއ. ދިޔަދޫ މީހަކު ދުނިޔޭގައި ހުރިތޯ ބަލަން އެ އަތޮޅު ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން އިއުލާންކޮށްފި އެވެ.

މަރު ސާބިތުކުރަން ހޯދަމުން އަންނަނީ، މިހާރު ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ދިޔަދޫ، ތަނޑިރަންމާގެ، ހަސަން މުހައްމަދެވެ. 

އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ ފަރާތެއްވާ ނަމަ، އަންނަ ހޮނިހިރު ދުވަހުގެ ކުރިން ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް އަންގަން އެ ކޯޓުގެ އިއުލާނުގައި ވަނީ އެދިފަ އެވެ.

ގެމަނަފުށީ ކައުންސިލްގެ އެގްޒެކްޓިވް، މުހައްމަދު ޝިޔާމް، "މިހާރު" އަށް ވިދާޅުވީ ހަސަން މުހައްމަދު ގެއްލުނީ ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި ކަމަށެވެ. 

ޝިޔާމް ވިދާޅުވި ގޮތުގައި 1983-1984 ވަނަ އަހަރުގެ ތެރޭގައި ހަސަން ގެއްލުނީ، ދިޔަދޫގައި އުޅަނދެއް ބަނދެ، އޭގައި އިންޖީނު އެޅުމަށް މާލެއަށް ދިޔަ ދަތުރުގަ އެވެ. އެ އުޅަނދު މާލެ ގެންދަން މަސައްކަތްކުރީ އިންޖީނުލީ އެހެން އުޅަނދެއްގައި ކަފު ޖަހައިގެން ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ، މޫސުން ގޯސް ދުވަހެއްގައި އެ ދަތުރު ފެށިއިރު އެކަން ހިނގީ ހުވަދޫ ކަނޑުގައި ކަމަށެވެ.

"ހުވަދޫ ކަނޑުގައި ދަތުރުކުރިއިރު އެ ރެއަކީ ވަރަށް ވިއްސާރަ، ގަދަ ރެޔެއް. ދެން އެހިސާބުން ގެއްލުނީ. އެ ބޯޓުގައި އެ މީހާ ވެސް ދިޔަ،" އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެ ދަތުރުގައި ހަސަން މުހައްމަދުގެ އިތުރުން އެ ރަށުގެ ވިއްސަކަށް މީހުން ކަނޑަށް ގެއްލުނު ކަމަށެވެ. 

އޭގެ ފަހުން ގާތްގަނޑަކަށް ބައިގަރުނާ ގާތްވާން އުޅެނިކޮށް، ހަސަން ދުނިޔޭގައި ހުރިތޯ ބަލަން އިއުލާންކޮށްފައި ވަނީ އޭނާ އެމްޓީސީސީން ގަނެފައި އޮތް ހިއްސާތަކެއް، ދަރިންގެ ނަމަށް ބަދަލުކުރުމަށެވެ.

"އެމްޓީސީސީ އުފެދިގެން އައިއިރު އެތަނުން ވިއްކާފައި ހުރި ހިއްސާތަކެއް އެމީހާ ވެސް ހުރީ ގަނެފައި. އެހެންވެ، އޭނާގެ ވާރިސުން މިހާރު ބޭނުންވަނީ އެމީހުންނަށް އެ ހިއްސާތައް ބަދަލުކުރަން. އެކަން ކުރެވެން އަންނަނީ އޭނާގެ މަރު ސާބިތުކުރެވިގެން. އެހެންވީމަ އަސްލު ކޯޓުން އެ އިއުލާނުކޮށްފައި އެ އޮތީ،" ޝިޔާމް ވިދާޅުވި އެވެ. 

ދިޔަދުއަކީ އޭރު ވަރަށް އާބާދީ ކުޑަ ރަށެކެވެ. އެ ރަށުގެ މީހުން ގެމަނަފުއްޓަށް ބަދަލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސުނާމީ ކާރިސާއަށް ފަހުގަ އެވެ. އެ ބަދަލުކުރުމުގެ ތެރެއިން އެ ރަށުގެ މީހުން އާބާދުވީ ގެމަނަފުއްޓާއި ގއ. ކޮނޑޭގެ އިތުރުން ލ. ގަމުގަ އެވެ.