މިދިޔަ ހަފުތާގައި ސްކޭމްގެ 42 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި ގިނައީ، މިހާރު އާންމުވެފައިވާ، އޮންލައިން ވިޔަފާރިތަކާ ގުޅޭ ސްކޭމްތައް ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ. 

މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ހިންގި ސްކޭމްތަކުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން އެ މުއްދަތުގައި ރިޕޯޓްކުރި 42 މައްސަލާގައި  334،549ރ. ގެއްލިފައިވެ އެވެ. އޭގެ ތެރެއިން 163،558ރ. އަނބުރާ ހޯދައިދީފައިވާ ކަމަށް ސްކޭމް ސެންޓަރުން ބުންޏެވެެ.

ސްކޭމްގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ އީ-ކޮމާސްގެ 15 މައްސަލައަކާއި ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާފައިވާ 11 މައްސަލައެއްގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 8 މައްސަލައަކާއި އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ތިން މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހިންގާފައިވާ ސްކޭމްގެ ފަސް މައްސަލައެއް މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ހަ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. 

ބުކިންތައް ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތައް މިހާރަކަށް އައިސް އިތުރުވަމުންދާތީސަމާލުވާން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

އޮންލައިންކޮށް ވިޔަފާރިކުރުމުގައި އިތުބާރު ނުކުރެވޭ މީހުންނަށް ކުރިއާލައި ފައިސާ ނުފޮނުވުމަށާއި، މުދާ ލިބުމުން ފައިސާ ދެއްކުމުގެ (ކޭޝް އޮން ޑެލިވަރީ) އުސޫލަށް އިސްކަންދިނުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަން ފުލުހުން ހަނދާންކޮށްދެ އެވެ.