ސައިކަލު ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ މައްސަލާގައި ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ފުލުހުން ބުނީ ސައިކަލު ވިއްކާ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި، ކިންގްސްޓަން އާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ.

ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން ތަހުގީގު ފުރިހަމަކުރުމަށް ފަހު، އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި މި މަހުގެ ތިންވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައި ވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި އެ ކުންފުނީގެ ވެރިޔާ ދ.ބަނޑިދޫ، ޕޯލާގްރޭސް، އަހްމަދު އާތިފް ހަސަން، 38 ގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައަކީ 2023 ނޮވެމްބަރު މަހުން ފެށިގެން ކިންގްސްޓަގެ ފަރާތުން ސައިކަލް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކޮށް އޯގަސްޓް 8، 2024 ގައި ހުށަހެޅި މައްސަލައެއް ކަމަށެވެ. 

އެ މައްސަލާގައި ޖުމްލަ 158 މީހެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764ރ. އާއި 8,398.18 ޑޮލަރު ނަގާފައިވާކަން ވެސް ތަހުގީގަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

މި މައްސަލައަކީ ގިނަ ބަޔަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައަކަށްވާއިރު، މިހާރު މި މައްސަލަ އޮތީ ޕީޖީ އޮފީހުގައި ދައުވާކުރުމުގެ މަރުހަލާގައި ކަމަށް ފުލުހުން ބުންޏެވެ.

މާލޭގައި ސައިކަލް ވިއްކާ ކިންގްސްޓަންއަށް ފައިސާ ދެއްކި ގިނަ ބަޔަކަށް ސައިކަލު ނުލިބި އެތައް މަހެއް ވުމުން ފުލުހުންނަށް މައްސަލަ ރިޕޯޓްކުރި އެވެ. އަދި އެ ކުންފުނިން ލަނޑުދީފައި ތިބި މީހުން އަމިއްލައަށް ފުލުހަށް ރިޕޯޓްކުރުމަށް ވެސް ފުލުހުން އޭރު ފުރުސަތު އެދުނެވެ.