ގ. ހިޔާ ރޯދީގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި އެ މައްސަލާގައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 

މިދިޔަ މާޗު މަހު 18 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހިންގި ތަހުގީގު ނިންމައި، އެ މައްސަލާގައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވީ ފުލުުހުން ބުނި ގޮތުގައި މި މަހުގެ 21 ގަ އެވެ.

އެ މައްސަލައިގެ ތުހުމަތަށް ލ. މާބައިދޫ، ސަބުނަމް ހައުސް، ހުސައިން ޝަހްބާން، 29، ހައްޔަރުކޮށްފައިވާއިރު އޭނާގެ ޝަރީއަް ނިމެންދެން ބަންދުކުރަން ވެސް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

އޭނާ ފުރަތަމަ ހައްޔަރުކޮށް ތަހުގީގުގެ ބޭނުމަށް ބަންދުކުރަން ކޯޓުން އަމުރުކުރީ ފަސް ދުވަހަށެވެ. އޭގެ ފަހުން 30 ދުވަހަށް އަދި އެންމެ ފަހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ އެވެ. 

ކުށުގެ ރެކޯޑުތަކެއް އޮންނަ ޝަހުބާން ހައްޔަރުކުރީ ހިޔާ ރޯދީގައި ރޯވުމުގެ ހައެއްކަ މިނެޓު ކުރިން އެ ގެ އަށް ވަންނަ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި އާންމުވުމަށް ފަހު އެވެ. ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އެ ގޭގައި ރޯވީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު ހެނދުނު 11 ޖަހަން އުޅެނިކޮށެވެ.

ކާކުކަން ނޭނގޭ އެކައުންޓަކުން އެކްސްގައި އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ކަޅު ކުލައިގެ ވޭވް ސައިކަލެއްގައި ދިޔަ މީހަކު ވެހިކަލް ޕާކު ކުރުމަށް ފަހު، އެ ގެއަށް ވަންނަ މަންޒަރެވެ. ކަޅު އަވި އައިނެއް އަޅައިގެން ހުރި އެ މީހާ ލައިގެން ހުރީ ހުދާއި ކަޅު ކުލައިގެ ގޮޅިޖެހި ގަމީހެކެވެ.

އެ ވީޑިއޯގައިވާ ގޮތުން އޭނާ އެ ގެއަށް ވަންނަނީ މާޗު 18 ވަނަ ދުވަހުގެ ހެނދުނު 10:33 ގަ އެވެ. އޭގެ އިރުކޮޅެއް ފަހުން 10:39 ގައި އޭނާ އެ ގެއިން ނުކުމެގެންދާތަން ފެނެ އެވެ. އެ ގެއިން ދުން އަރާތަން ފެނިގެން އެ ސަރަހައްދުގައި މީހުން މަޑުކޮށްގެންގެން ތިބޭތަން ވީޑިއޯ އިން ފެންނަނީ 10:43 ގަ އެވެ.

ކުރިން ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި މޯރީގަރާޖާ ޖެހިގެން ހުންނަ ހަނި ގޯޅީގެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލިއިރު އެ ތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.