ސައިކަލު ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ މައްސަލާގައި ކިންގްސްޓަން ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ހަސަންގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ 2023 ވަނަ އަހަރުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަގުހެޔޮކޮށް ސައިކަލު ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއް އަތުން ފައިސާ ނެގި މައްސަލަ އިއްޔެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލާގައި ދ. ބަނޑިދޫ، ޕޯލާގްރޭސް، އާތިފު، 38، ގެ މައްޗަށް ޓެކުމުގެ ކުށުގެ 139 ދައުވާއެއް ކުރެ އެވެ.
ޕީޖީން ބުނީ އޭނާގެ މައްޗަށް އެ ދައުވާތައް ކޮށްފައިވަނީ ކިންގްސްޓަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެ، އެ ކުންފުނި މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާ ކަމަށް ދައްކުވައިގެން އެކި މީހުން އަތުން ފައިސާ ނަގައި، ސައިކަލު ފޯރުކޮށްދިނުމަށް މަސައްކަތްނުކޮށް، އެ ފައިސާ އިން އިތުރު ތަޞައްރުފުކޮށް، ސައިކަލު ދީފައިނުވާތީ އާއި ފައިސާ ވެސް އަނބުރާ ރައްދުކޮށްފައި ނުވާތީ ކަމަށެވެ.
އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވާ ހާލަތުގައި މަދުވެގެން 133 އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ބުންޏެވެ. ދައުވާތަކާ ގުޅިގެން ބަދަލު ލިބޭ ވަކިވަކި މީހުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 6.2 މިލިއަން ރުފިޔާ އާތިފުގެ އަތުން ނަގައިދިނުމަށް އެދިފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.
އޮފީހުން ބުނި ގޮތުގައި އެ ދައުވާތައް ހުށަހަޅާފައި ވަނީ ސައިކަލު ވިއްކުމަށް ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިގައި ވަކިންނެވެ. އެހެންވެ، އެ ދައުވާތައް ސާބިތުވާ ހާލަތުގައި 139 ދައުވާއަށް، ކޮންމެ ދައުވާއަކަށް ވަކިން އަދަބު ކަނޑައެޅޭނެ ކަމަށެވެ.
ޕީޖީން ބުނީ އެ މައްސަލާގައި ބަދަލު ލިބޭ އިތުރު 11 މީހެއްގެ ބައި އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންގެ ހިދުމަތަށް ލަފާދީފައިވާ ކަމަށެވެ. އެ ބައިތަކުގެ ތަހުގީގު ނިމުމުން، އެ ބައިތަކުގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް ބުންޏެވެ.
ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސްއިން ތަހުގީގު ފުރިހަމަކުރުމަށް ފަހު، އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވީ މިދިޔަ މާޗު މަހުގެ ތިންވަނަ ދުވަހު އެވެ.
ފުލުހުން ބުނީ އެއީ ނޮވެމްބަރު 2023 އިން ފެށިގެން ކިންގްސްޓަގެ ފަރާތުން ސައިކަލް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކޮށް އޯގަސްޓް 8، 2024 ގައި ހުށަހެޅި މައްސަލައެއް ކަމަށެވެ.
އެ މައްސަލާގައި 158 މީހެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764ރ. އާއި 8,398.18 ޑޮލަރު ނަގާފައިވާކަން ވެސް ތަހުގީގަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.
މާލޭގައި ސައިކަލް ވިއްކާ ކިންގްސްޓަންއަށް ފައިސާ ދެއްކި ގިނަ ބަޔަކަށް ސައިކަލު ނުލިބި އެތައް މަހެއް ވުމުން ފުލުހުންނަށް މައްސަލަ ރިޕޯޓްކުރިއިރު އެ ކުންފުނިން ލަނޑުދީފައި ތިބި މީހުން އަމިއްލައަށް ފުލުހަށް ރިޕޯޓްކުރުމަށް ވެސް ފުލުހުން އޭރު އެދުނެވެ.