ގދ. ތިނަދު އަށް ސިޓީގެ ދަރަޖަ ހޯދުމުގައި އެ ރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި ތިނަދޫގެ މޭޔަރު ސައުދު އަލީއަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.
ތިނަދު އަށް ސިޓީގެ ދަރަޖަ ހޯދުމުގައި އެ ރަށުގެ އާބާދީ ކައުންސިލުން އޮޅުވާލިކަމުގެ ތުހުމަތުގައި މޭޔަރު ސައުދު ކުރިން ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ. އަދި އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތިނަދޫ ކައުންސިލަށް ވަދެ، ބައެއް ލިޔުންތައް ވެސް ކުރިން ގެންދިޔަ އެވެ. ނަމަވެސް އެ ތުހުމަތުތައް ސައުދު ކުރިން ވަނީ ދޮގު ކުރައްވައިފަ އެވެ.
އެ މައްސަލާގައި ޖިނާއީ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވާފައިވާއިރު، އެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އެކަމަކު، އެ މައްސަލާގައި ސައުދުގެ އިތުރުން ދައުވާ ކޮށްދޭން އެދި ފޮނުވީ ކޮން ބަޔަކަށް ކަމެއް ސާފެއް ނުވެ އެވެ.
ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކުންނެވެ.
ލާމަރުކަޒީ ގާނޫނު އޮންނަ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ މަދުވެގެން 10،000 މީހުންގެ އާބާދީ އޮންނަ ރަށްރަށަށް ކަމަށް ވާއިރު، އޭރު ތިނަދޫގެ އާބާދީއަކީ 8،000 ކަމަށް ތުހުމަތުކޮށް، ބައެއް މީހުން އެ މައްސަލަ ހުށަހެޅި އެވެ.