ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ މީހުން އަލުން ރޭ ހައްޔަރުކޮށްފި އެވެ.

އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ޑިސެމްބަރު 2024 ގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ދޫޑިގަން، އަހުމަދު ނިއުޝާދު، 35، އަދި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 30، ވަނީ ހައްޔަރުކޮށްފަ އެވެ. 

އޭގެ ފަހުން، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ އެ ދެ މީހުންގެ މައްޗަށް ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފަ އެވެ.

މި މައްސަލައިގެ ޓައިމްލައިން

- ނިއުޝާދާއި އާޒިމް ފުރަތަމަ ހައްޔަރުކުރީ ޑިސެމްބަރު 2014 ގައި

- އޭގެ ފަހުން ހައި ކޯޓުން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ ދެ މީހުން ބަންދުން ދޫކޮށްފައި

- ދުވަސްކޮޅެއް ފަހުން އާ އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކުރި

- ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި ކޯޓުން އެންމެ ފަހުން ދޫކޮށްލީ މިދިޔަ އަންގާރަ ދުވަހު

އެ މައްސަލާގައި އެ މީހުން ހައްޔަރުކޮށްފައި ތިއްބާ ހައި ކޯޓުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެސް ބަންދުން ދޫކުރި އެވެ. އޭގެ ފަހުން، އާ އަމުރެއްގެ ދަށުން ހައްޔަރުކުރި އެވެ.

ފަހުގެ އަމުރުގެ ދަށުން ނިއުޝާދާއި އާޒިމް ބަންދުކޮށްފައި ތިބި ނަމަވެސް، މިދިޔަ ހަފުތާގައި ކޯޓުން އެ ދެ މީހުން ބަންދުން ދޫކޮށްލި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ދެ މީހުން އަލުން ރޭ ހައްޔަރުކުރީ ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއްގައި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ނުދެ އެވެ. 

ޕީޖީ އޮފީހުން ކުރިން ނެރުނު ބަޔާނުގައި ބުނީ އާޒިމް އިސްވެ ހުރެ ނިއުޝާދާ ދެ މީހުން ވެގެން މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމްކޮށް، އެ ތަކެތި ބާޒާރަށް ނެރުމަށް ހަރަކާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގުން އެނގޭ ކަމަށެވެ. އަދި "ޑީލަރުންނަށް" މުސާރަ ދީގެން، މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށާއި އަދި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބުތައް ވަކި ތަރުތީބަކުން ބަލަހައްޓާފައިވާކަން ވެސް ތަހުގީގަށް އެނގޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ކޮށްފައިވަނީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އާޒިމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ މަސްތުވާތަކެއްޗާ ގުޅުން ހުރި އެކި މީސްމީހުންގެ އެކައުންޓުތަކުން ޖުލައި 2019 އިން ފެށިގެން އޮގަސްޓް 2024 އާ ދެމެދު އޭނާގެ އެކައުންޓުތަކަށް ޖަމާކުރި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭއިރު އެ ފައިސާ އާޒިމްގެ އަތުގައި ބަހައްޓައި، ބޭނުންކޮށްފައިވާތީ އެވެ.

ނިއުޝާދަށް މަނީ ލޯންޑަރިންގެ ދައުވާކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި އެކި މީހުންގެ އެކައުންޓުތަކުން ޖުލައި 2019 އިން ފެށިގެން އޮގަސްޓް 2024 އާ ދެމެދު އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭއިރު އެ ފައިސާ އާޒިމްގެ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ އެވެ.

އެހެންވެ، ޕީޖީން އެދިފައި ވަނީ 1.1 މިލިއަން ރުފިޔާ އާއި ހަތަރު ސައިކަލާއި ފަސް ކާރާއި ދެ ޕިކަޕާއި ކަނޑުގެ އުޅަނދަކާއި 29 ސަންކޮނުއާ ގުރާ އަދި ނުވަ ރިންގްނެކް ގުރާ ވެސް ދައުލަތަށް ނަގައި ދިނުމަށެވެ.

ފުވައްމުލަކުގައި ޖެނުއަރީ 2025 ގައި ފެށި "އޮޕަރޭޝަން ވެށި ރައްކަލް" ގައި 58 މީހަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް 75 މައްސަލައެއް ތަހުގީގުކުރި އެވެ. އޭގެ ތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވި އެވެ.

ނިއުޝާދާއި އާޒިމަށް ތުހުމަތު ކުރަނީ އެ ނެޓްވޯކްގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތެވެ.