ސްކޭމާ ދެކޮޅަށް ހިންގި ބޮޑު އޮޕަރޭޝަނެއްގައި 17 މީހަކު ހައްޔަރުކޮށް، ގެއްލުނު 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި މިއަދު ބުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން އިސްނަގައިގެން ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް"ގައި ދިވެހި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވެ، ރާއްޖޭގައި ހިންގި ސްކޭމްގެ މައްސަލަތަކުގައި އާންމުންނަށް ގެއްލުނު ފައިސާގެ ތެރެއިން 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދީފައިވާ ކަމަށެވެ.
ޑިޖިޓަލް ވަސީލަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ މާލީ ކުށްތައް ހުއްޓުވުމަށް 30 ގައުމަކާއި ބައިނަލްއަގުވާމީ އިދާރާތައް ގުޅިގެން ހިންގި އެ ބޮޑު އޮޕަރޭޝަނުގެ މުއްދަތުގައި ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓްކުރި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ބޮޑު ބައެއް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިދިޔަ ޖުލައި މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގެ ތިން މަސްދުވަހުގެ މުއްދަތުގެ ތެރޭގައި، އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ ޖުމްލަ 544 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަތަކުގައި އާންމުންނަށް ޖުމްލަ 5.3 މިލިއަން ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް ރެކޯޑްކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެންޓި-ސްކޭމް ސެންޓަރުން އެޅި ހަލުވި ފިޔަވަޅުތަކާއި ކަމާގުޅުންހުރި މާލީ އިދާރާތަކާއެކު ގުޅިގެން ކުރި މަސައްކަތުން އޭގެ ތެރެއިން ތިން މިލިއަން ރުފިޔާ އަނބުރާ ހޯދައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެއީ ގެއްލުނު ކަމަށް ރިޕޯޓްކުރި ޖުމްލަ ފައިސާގެ ގާތްގަނޑަކަށް 59.1 ޕަސެންޓެވެ. އަދި އެ ނަތީޖާއަކީ މާލީ މަކަރާއި ހީލަތް ހިންގާ ފަރާތްތަކުން ފައިސާ ދައުރުކުރުމުގެ ކުރިން އެ ފައިސާ ހިފެހެއްޓުމަށް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ހާސިލުކުރެވުނު ނަތީޖާއެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މުއްދަތުގައި ކުރި މަސައްކަތުން ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ 847 މީހަކު ދެނެގަނެވިފައިވެ އެވެ. އަދި ތަހުގީގުތަކާ ގުޅިގެން 17 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނިގޮތުގައި، ކުށްކޮށްގެން ހޯދާ ފައިސާ އިތުރަށް ދައުރުވިޔަ ނުދިނުމަށާއި ގެއްލުނު ފައިސާ ރައްކާތެރިކުރުމަށް ބޭންކުތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައި، ތުހުމަތުކުރެވޭ 1،088 ބޭންކް އެކައުންޓެއް ވަގުތީ ގޮތުން ވަނީ ފްރީޒްކޮށްފަ އެވެ. އެއީ ސްކޭމްތަކުގެ ޝިކާރައަކަށްވީ މީހުންގެ މާލީ ގެއްލުން ކުޑަކުރުމަށާއި ކުށްކުރާ ނެޓްވޯކްތަކުގެ މާލީ ހަރަކާތްތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އެންމެ އާންމު މައްސަލަތައް
- އެންމެ އާންމުކޮށް ހިންގާފައި ވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ އަމަލުތައް. އޮންލައިން ޕްލެޓްފޯމްތަކާއި ޕޭޖުތައް މެދުވެރިކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރޭގައި ހިންގާފައިވާ ސްކޭމްގެ 230 މައްސަލައެއް ހުށަހަޅާފައިވޭ.
- ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ މައްސަލަތައް. އެ ބާވަތުގެ 107 މައްސަލައެއް ރިޕޯޓްކޮށްފައިވޭ.
- ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުން އަންނަ އާ ބާވަތުގެ ސްކޭމެއްގެ ގޮތުގައި ބުކިން ކެންސަލްކުރުމާއި ފައިސާ އަނބުރާ ހޯދައިދިނުން ނުވަތަ ރީފަންޑް ދިނުމުގެ ނަމުގައި އޮޅުވާލައިގެން ހިންގާ މަކަރާއި ހީލަތް ވަނީ ފާހަގަކުރެވިފައިވޭ. އެފަދަ 80 މައްސަލައެއް އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓްކޮށްފައިވޭ.
- އެކި އިދާރާތަކާއި މަޝްހޫރު މީހުންނާއި އާއިލާ ނުވަތަ ރައްޓެހިންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 43 މައްސަލައެއް ރިޕޯޓްކޮށްފައިވޭ.
- ފައިދާ ބޮޑު އިންވެސްޓްމަންޓްތަކެއް ކަމަށް ދައްކައިގެން ހިންގި 32 ސްކޭމަކާއި އެކައުންޓްގެ ވެރިފަރާތަށް ނޭނގި ހުއްދައެއް ނެތި މުއާމަލާތް ހިންގުމުގެ 27 މައްސަލައެއް ރިޕޯޓްކޮށްފައިވޭ.
- ލޯބީގެ ގުޅުންތައް ދައްކައިގެން ފައިސާ ހޯދުމުގެ 8 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވޭ.
"މި ހިސާބުތަކުން ދައްކައިދެނީ އޮންލައިން މާހައުލުގައި ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ތަފާތު ގޮތްގޮތަށް ބަދަލުވަމުން އަންނަކަމެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް"އަކީ ޔޫއޭއީގެ މިނިސްޓްރީ އޮފް އިންޓީރިއާގެ އިސްނެގުމާ އެކު އިންޓަޕޯލް އާއި ގްލޯބަލް އެންޓި-ސްކޭމް އެލަޔަންސް (ގާސާ) އަދި ޓެކްނޮލޮޖީ އާއި މާލީ ދާއިރާގެ އަމިއްލަ 13 ކުންފުންޏަކާއި ދުނިޔޭގެ 30 ގައުމެއްގެ ތަންފީޒީ އިދާރާތައް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަނުގެ މައިގަނޑު އަމާޒަކަށްވީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިންގާ އޮޅުވާލުންތަކާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ މާލީ މަކަރާއި ހީލަތް އަދި އޮންލައިންކޮށް ބިރުދައްކައިގެން ފައިސާ ހޯދުމުގެ ކުށްތައް ހުއްޓުވުން ކަމަށް ފުލުހުން ބުންޏެވެ.