ޝިފާއު: އޭނާގެ 109 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައި
18 ޑިސެމްބަރ 2025 - 15:12
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވައިގެން ބޭރު ކުންފުނިތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ މުދާ ހޯދި ހުސައިން ޝިފާއު 109 އަހަރަށް ޖަލަށްލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ސައްހަ ނޫން ޓީޓީތަކެއް އެކި ފަރާތްތަކަށް ފޮނުވައިގެން 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި ޝިފާއު 2023 ވަނަ އަހަރު ހައްޔަރުކޮށް، އޭނާގެ މައްޗަށް 23 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާއެކެވެ. އެ ހުރިހާ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކުރިން އޮތީ ނިންމައިފަ އެވެ.
އެ ހުރިހާ ދައުވާތަކެއްގެ އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި އެ މައްސަލަތައް ބެއްލެވި ގާޒީ އަލީ ނަދީމް ވަކިވަކިން އިއްވެވި އަދަބުތަކުގެ ޖުމްލަ އެއްކޮށްލުމުން 109 އަހަރުގެ ޖަލު ހުކުމަކާއި ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއަކަށް އަރަ އެވެ.
މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމަކާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގައި 30 އަހަރުގެ ޖަލު ހުކުމަކާއި ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކުގައި ނުވަ އަހަރުގެ ޖަލު ހުކުމެކެވެ.
ޝިފާއު މިއަދުގެ އަޑުއެހުމުގައި
ޝިފާއު ޖަލަށްލުމުގެ އިތުރުން އޭނާ އޮޅުވާލައިގެން ހޯދި މުދާތަކުގެ ބަދަލުގެ ފައިސާ ހަ މަސް ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވެސް އެ ހުކުމްތަކުގައި ގާޒީ ނަދީމް އެންގެވި އެވެ. އަދި ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާ ވެސް އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން އެ ހުކުމުގައި ގާޒީ އެންގެވި އެވެ.
އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް މިއަދު ބޭއްވި މަޖިލީހުގައި ޝިފާއުގެ ފަރާތުން އެދުނީ ގޭ ބަންދުގެ ހުކުމެއް ނުވަތަ ހުކުމުގެ ވަކި މުއްދަތެއް ގޭ ބަންދު ކުރުމުގެ ހުކުމަކަށް ބަދަލުކޮށް ދިނުމަށެވެ.
އޭނާގެ ވަކީލް ވިދާޅުވީ ޝިފާއުއަކީ ޒިންމާދާރު މީހެއް ކަމަށާއި އަދި އެ މައްސަލާގެ ފަހުން އޭނާގެ އިތުރު ރެކޯޑެއް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ޝިފާއުއަކީ އާއިލާއެއް ބަލަހައްޓަމުންދާ މީހަކަށް ވާތީ އެކަންކަމަށް ރިއާޔަތްކުރަން ވަކީލް އެދިވަޑައިގަތެވެ.
ޝިފާއު ބުނީ ގެއްލުން ލިބުނު ފަރާތްތަކަށް ފައިސާ އަނބުރާ ދެވޭނީ ވެސް ބަންދުން މިނިވަންވެފައި ހުރެގެން ކަމަށެވެ. އެހެންވެ، ދެވެން އޮތް އެންމެ ލުއި އަދަބެއް އޭނާ އެދުނެވެ.
އެ މައްސަލާގައި ޝިފާއުގެ މައްޗަށް 109 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، އޭނާއަށް ލުއި އަދަބެއް ދޭން ދައުލަތުން އޭނާއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ކުރިން ހެދި އެވެ. ނަމަވެސް އެ އެއްބަސްވުމަކީ އެ މައްސަލާގެ ކަން ހިނގާފައިވާ ގޮތަށް ރިއާޔަތްކޮށްގެން ހަދާފައިވާ އެއްބަސްވުމަކަށް ނުވާތީ އެ އެއްބަސްވުން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ކުރިން ނިންމި އެވެ.
އޭގެކުރިން މި ސަރުކާރުގެ ސިޔާސީ މަގާމަކަށް ވެސް ޝިފާއު އައްޔަންކުރި އެވެ. ނަމަވެސް އެ މައްސަލަ މީޑިއާގައި ފެންމަތިވުމުން އޭނާ މަގާމުން ވަކިކުރި އެވެ.
އެ މައްސަލަތަކުގައި ޝިފާއު 2023 ވަނަ އަހަރު ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން އޭނާ ދޫކޮށްލުމުން އޭނާ ރާއްޖެއިން ބޭރަށް ދިޔަ އެވެ. އެހެންވެ، އޭނާ ހައްޔަރުކުރަން އިންޓަޕޯލް ރެޑްނޯޓިސް ނެރެފައި ވަނިކޮށް އޭނާ އެނބުރި ރާއްޖެ އައުމުން އޭނާ އަލުން ހައްޔަރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުކި
18 December 2025
މަ ހަމަ ހައިރާންވަނީ އަދީބު އެ އުޅެލާ ގޮތުން! އޭނަޔަށް އިއްވަންޖެހޭނެ 200 އަހަރުގެ ޖަލު ހުކުމް
މުޑުދާރު ވަކީލް
18 December 2025
ޝިފާއުގެ ވަކީލް ކައިރީގަ އަހާލާހިތްވަނީ، ކާކުތޯ ޒިންމާދާރު ނޫންމީހަކީ، އަދި ކާކުތޯ އާއިލާއެއް ބަލަމުން ނުދާމީހަކީ. ވަކީލްގެ ވާހަކައިން ހީވަނީ ޒިންމާރު އާއިލާއެއް ބަލަމުންދާ މީހެއްވިއްޔަ ކިތަންމެބޮޑު ކުށެއްކުރިޔަސް އަދަބެއް ދޭން ނުޖެހޭނެޔޭ ހީވާހެން.
ޝަމީމު ޙުސޭނު
18 December 2025
އަދީބުއަށް ހެދި ގޮތަށް މީނާ ލައްވާ ވެސް އެގްރިމެންޓެއްގައި ސޮއިކުރުވައިގެންނަމަވެސް ޙުކުމުގެ މުއްދަތު ކުރުކޮށްދޭން ޖެހޭ.
އިބްރާހިމް ނާޔިލް
18 December 2025
ޢެގްރިމެންޓް ހަދާ އެގްރިމެންޓް ގައި ސޮއިކުރީ އަދި އެޑްވާންސް ފައިސާ ޖަމާކުރީ ސީދާ ޝިފާއުގެ އަމާ އާރިފާ އަލީ ގެ އެކައުންޓަށް އެމީހުން ދިރިއުޅޭ އެޕާޓް މަންޓްގައި ތިބެ. ތަން ދައްކައި އެގްރިމެންޓް ހެދުމުގައި އުޅު ނީ މިޝިފާއު.. މީ މިމީހުން ގެ މުޅި އާއިލާ ގުޅިގެން ހިންގާ ޖަރީމާއެއް.
އިބަރާހިމް ނާއިލް
18 December 2025
ސަރުކާރުން މާފެއް ނުވަތަ ލުޔެއް ނުދީ މިހުކުމް ތަންފީޒް ކޮަށްދީފިނަމަ ވަރަށްވެސް ރަނގަޅެވެ. މީގެ 3 އަހަރެއްހާ ދުވަސް ކުރިން މއ.ހަނީ ސަކުލް ގުރައުންޑް ފުލޯފިހާރަ އަހަރެންނަށް ކުއްޔަށްދީ އެޑްވާންސަށް 285،000ރ އެޑްވާންސަށް ނަގައި ، ކުއްޔަށް ދިންތާ މަހެއްނުވެ ތަޅުހަލާކު ކޮށްލައިގެން ތަނަށް ވަދެ ތަންއަތުލައި އެތަނުގައި އެމީހުންގެ އަމިއްލަ ވިޔަފާރި ފައްޓައި، އަޅުގަނޑުގެ ފައިސާ އަދި އަދަށް ދާންދެންވެސް އަނބުރާނުދީ ތިބި ނުބައި ނުލަފާ މަކަރުވެރި ބައެއް.
ތިލަފަތް
18 December 2025
ޖަލުގަ ބެހެއްޓުމުގެއިތުރުން އޭނައަށް ވާރުތައިން މާލެއިން ލިބިފައިވާ ގޯތީގެބަޔާ އަދި އެހެނިހެން ހަރުމުދާ ވިއްކާލާފަ ގެއްލުން ލިބުނު މީހުންނަށް ބަދަލުދެވޭނެ ދުވަހަކީ މިޤަޢުމުގަ އިންސާފް ޤާޢިމުކުރެވޭކަމުގެ އިހުސާސްވާނެ ދުވަސް!
ގަބޭ
18 December 2025
ނިކަމެތި ރައްޔިތަކަށް ވީތީތަ؟ ކޮބާތަ ދައުލަތުގެ މާލިއްޔަތުން އެތައް މިލިއަނެއް ދިރުވާލައިގެން ތިބިކަމަށް ޙުކުމްކޮށްފައިވާ މީހުންގަނޑު....ފިނި ކޮޓަރީގަ!
ޟިރުސް
18 December 2025
ޕީޖީ ފޭލް . ޢިސއތިއުފާ
ކައުންސެލަރު.....
18 December 2025
މިދިވެހިރާއްޖޭގާ ގޯހީ ގާނޫނާ ގަވައިދުތަ؟ ނޫނީ ގާނޫނާ ގަވައިދު ހަދާމީހުންތަ؟ ނޫނީ ގާޒީންތަ؟ ނޫނީ ސިޔާސީންތަ؟ ނޫނީ ވެރިންތަ؟ ނޫނީ ރައްޔިތުންތަ؟ އެނގޭ އެއްޗަކީ ގައިމުވެސް މމޕރސ ގެ ވައްކަން ދެބައިމީހުން ގުޅިގެން ކުރިއިރު ރައްޔިތުންގެ ހުރިހާ ފައިސާއެއް ރޮލާކާލިއިރު ކުށްވެރިވެގެން ޖަލުގައި އޮތްމީހަކު ނެތްކަން. ފެނަކަ ގިރައިގެން ބޯލީމާވެސް ކުށްވެރިޔަކު ނެތްހަމަ؟ ސަހަރޯއެވެ.
ހަޖާމްބެ
18 December 2025
އޯލް އޮފް ދެމް، ރާއްޖޭގަ ކާކު ރަގަޅީ. އަހަރެމެންނަށް ރަގަޅު ވެރިޔަކު ނުލިބިގެން އުޅެން މިޖެހެނީވެސް އަހަރެމެން (ރައްޔިތުން) ނުބައިވީމަ. ކޮންމެ އިންތިޚާބެއް ކާމިޔާބް ކުރަނީ ރިޝްވަތު ދިނީމަ ހިފާމީހުން ހިފާ މީހުން ގިނަވީމަ އެމީހުންގެ ވޯޓުން.
ގޫކޭލީ.
18 December 2025
މީނަ އަދީބް ބްރޯއަށްވުރެ ބޮޑު ހުކުމެއް އައީކީއްވެ، މީނާ ކާލީ 2 މިލިއަންވަރު އަދީބު ބްރޯ 1 ބިލިއަން. އަދިވެސް އެއްފަހަރު ބުނެލާންން އެއްބިލިއަން. މިބުނީ އެއްހާސް މިލިއަން.
ވަން ޓޫ
18 December 2025
ޕީޖީ އަށް ބައި ނާޅާތީ.
ނޭގުނު
18 December 2025
ކީއްވެބާ.. އަމިއްލަ ފަރުދުންގެ މުދާވީމަތަ؟ ބުރޯ ދަވާލީ ސަރުކާރުގެ މުދާވީމަތަ. ނޭނގުނު