މިއަހަރުގެ މިހާތަނަށް ސްކޭމްގެ 1،584 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 15 މިލިއަނަށް ވުރެ ގިނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް އާދަމް ނަވީދު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ސްކޭމްގެ 1584 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 15 މިލިއަނަށް ވުރެ މަތި ކަމަށާއި އަދި އޭގެ ތެރެއިން އަނބުރާ ހޯދުނީ 6.6 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނައިން ހިންގަނީ އޮންލައިން ވިޔަފާރިން ފައިސާ ހޯދާ ސްކޭމް ކަމަށާއި އެގޮތުން މިއަހަރު ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން 821 މައްސަލައަކީ ވެސް އެފަދަ މައްސަލަތައް ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.

އޭގެ އިތުރުން ދެން އެންމެ ގިނައީ ފައިސާ މާރު ކުރުމުގެ ނަމުގައި ހިންގާފައިވާ 240 މައްސަލަ އާއި ޝަހުސު އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގި 213 މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ އިތުރުން މުޅިން އާ ބާވާތެއް އަޅުގަނޑުމެންގެ ކޮމިޔުނިޓީން ފެނުނު، ބުކިން ކެންސަލޭޝަން ރީފަންޑް ސްކޭމް. އަޅުގަނޑުމެން ފުރަތަމަ މައްސަލައާ އެކީގައި ޕޮލިސް މީޑިއާ މެދުވެރިކޮށް އަދި މީޑިއާތަކުގެ އެހީގައި ވެސް ރައްޔިތުންގެ ސަމާލު ކަމަށް ގެނައުމަށް މި ސްކޭމްގައި ހިނގާ ގޮތް ވާނީ ކިޔައިދީފައި،" އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްކޭމް ހުއްޓުވަން ކުރާ މަސައްކަތުގެ ތެރެއިން 2،803 އެކައުންޓެއް 48 ގަޑިއިރުގެ މުއްދަތަށް ފްރީޒް ކޮށްފައިވާނެ އެވެ. އަދި އޭގެ ތެރެއިން 530 އެކައުންޓެއް ކޯޓު އަމުރެއްގެ ދަށުން އިތުރު ތިން މަސްދުވަހަށް ފްރީޒް ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްކޭމް ނެޓްވޯކުގައި އުޅޭ ކަމަށް ފާހަގަވި 53 މީހުން ހައްޔަރުކޮށް، ދައުވާ ކުރުމުގެ މަރުހަލާގައި އޮތްއިރު އޭގެ ތެރެއިން 25 މައްސަލަ ޕީޖީއަށް ފޮނުވުމުގެ އިތުރުން ހަތަރު މީހަކަށް މިހާތަނަށް ދައުވާ ވެސް ކޮށްފައިވާ ކަމަށް އާދަމް ވިދާޅުވި އެވެ.

ސްކޭމްގެ ޝިކާރައަށްވާ އަތޮޅުތަކުގެ ތަފާސްހިސާބު

  1. މާލެ 
  2. އައްޑޫ
  3. ރ. އަތޮޅު
  4. ހދ. ކުޅުދުއްފުށި

އާދަމް ވިދާޅުވީ ސްކޭމް ކުރާ މީހުންނަށް ބޭންކްތަކުން އެ ފައިސާ ނެގެނީ ބޭންކް އެކައުންޓްތައް ކުއްޔަށްދޭ ވަރަށް މަދު ބައެއްގެ ސަބަބުން ކަމަށެވެ.