މީހަކަށް ގުޅައިގެން އޯޓީޕީ ކޯޑު ހޯދައިގެން، ބޭންކް އެކްސެސް ހޯދުމަށްފަހު މީހެއްގެ އެކައުންޓުން 21،000 ޑޮލަރު (324،000ރ.) އާއި 63،000ރ. މަކަރާއި ހީލަތުން ނެގި މައްސަލައެއްގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު، ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ގުޅައި އޯޓީޕީ ކޯޑު ހޯދައި، އެ ކޯޑު ބޭނުންކޮށްގެން އެމީހާގެ ބޭންކް އެކައުންޓްގެ އެކްސެސް ހޯދި ކަމަށެވެ. އަދި އޭނާގެ އެކައުންޓުގައިވާ 63،000ރ. އާއި 21،000 ޑޮލަރު (ގާތްގަނޑަކަށް 324,450 ދިވެހި ރުފިޔާ) އެކައުންޓުން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން މައްސަލައިގެ ތަހުގީގުގެ ތެރެއިން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ؛
- ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، އިބްރާހިމް ޝާރިފު 34އ
- ފ. ފީއަލި، މަތަރެސްމާގެ ޖިނާހު އަހުމަދު 29އ.
- ފ. ނިލަންދޫ ނަޒުމު، އިބްރާހިމް މުއާޒު 38އ.
- ލ. ގަން މަތިމަރަދޫ، ލިލީނައިޓް، އަލީ ދާއިން 21.
ފުލުހުން ބުނިގޮތުގައި އޭގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އަދި ހަތަރު ވަނަ މީހާ ހައްޔަރުކުރީ ބުރާސްފަތި ދުވަހު އެވެ.
އެ މައްސަލައާ ގުޅިގެން އެ އެންމެންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ އެންމެން ވެސް 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.