ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ އޯޕީޓީ ކޯޑު ހިއްސާކުރުމުން ގޮތް ނޭނގޭ ޓްރާންސެކްޝަނެއް ހިންގައި، 92،000ރ. ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނީ މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން ފައިސާތަކެއް ނެގި މައްސަލައެއް މިދިޔަ ހޯމަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފައިސާ ޖަމާވި އެކައުންޓުގެ ވެރިފަރާތް އަދި އެކަމުގައި ބައިވެރިވި އިތުރު މީހަކު ޖެހިގެން އައި ދުވަހު ހައްޔަރުކޮށްފަ އެވެ. އެއީ ހއ. ހޯރަފުށީ ފައިންޕާކް، މުހައްމަދު ފަޒީލާއި ގދ. ފިޔޯރީ ފައިންބީޗް، އަބްޝަރު ރަޝީދެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ވަނީ ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި އޮންލައިންކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި އަދި އޯޓީޕީ ކޯޑު ހިއްސާނުކުރުމަށާއި އޮންލައިންކޮށް ވިޔަފާރި އާއި ފައިސާގެ މުއާމަލާތްތައް ހިންގާއިރު މުއާމަލާތްކުރާ ފަރާތުގެ ސައްހަކަން ކަށަވަރުކޮށް އަދި ޒާތީ މައުލޫމާތާއި ބޭންކިން ތަފުސީލުތައް ހިއްސާނުކުރަން އިލްތިމާސްކޮށްފަ އެވެ.