ރާއްޖެ އަށް އިމްޕޯޓްކުރާ މުދަލާއި ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަަލައި ފާސްކުރުމަކީ ރާއްޖޭގެ ކަސްޓަމްސް ގާނޫނުގެ ދަށުން ކަސްޓަމްސްއާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި އަދި އެ ޒިންމާ އަދާކުރުމުގައި އެތަނުގެ މުވައްޒަފުން ދެމިތިބޭނެ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ. 

ކަސްޓަމްސް އިން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެރައިވަލްގައި މަސައްކަތްކުރާ ކަސްޓަމްސްގެ އަންހެން މުވައްޒަފަކު އިސްވެ އަންހެނުންގެ ހަށިގަނޑު ބަލައިފާސްކުރާއިރު ވަކި ގޮތަކަށް އަމަލުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ވަނީ އެ އަންހެން މުވައްޒަފުގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ. 

އެ މައްސަލައާ ގުޅިގެން ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ވަނީ ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުން އަދި އުޅަނދުފަހަރު ފާސްކުރުމަށް ގާއިމުކޮށްފައިވާ ވަސީލަތްތައް ބޭނުންކުރާ ކަމަށެެވެ. 

މީގެ އިތުރުން ކަސްޓަމްސް އަށް ލިބޭ މައުލޫމާތާއި އެހެނިހެން ހޯދުންތަކަށް ރިއާޔަތްކޮށް، މުދަލެއް ނުވަތަ ފަސިންޖަރެއް ފިޒިކަލީ ބަލައި ފާސްކުރަން ޖެހިއްޖެ ނަމަ ގަނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބަަލައިފާސްކުރާނެ ކަމަށް ވެސް އެ އިދާރާގެ ބަޔާނުގައިވެ އެވެ. 

ކަސްޓަމްސް އިން ބުނީ އެގޮތަށް އެކަންކަން ތަންފީޒު ކުރަނީ ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަ ނުދީ، ހިފެހެއްޓުމަށާއި ރައްޔިތުންނާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ. 

"އެހެންކަމުން، ދިވެހިރާއްޖޭގެ ބޯޑަރުގައި މިކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ގާނޫނާއި ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކަސްޓަމްސް އިން މިގެންދަނީ ކުރަމުންނެވެ،" އެ ބަޔާނުގައިވެ އެވެ. 

ކަސްޓަމްސްއިން ވަނީ ގާނޫނީ މަސްއޫލިއްޔަތުތަކާއި ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާ މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އަމަލު ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.