އެމްޓީސީސީން ބޭނުންކޮށް، ބާވެ ހަލާކުވެފައިވާ ނުވަ ބަސް ނީލަމުގައި ވިއްކާލަން އިއުލާންކޮށްފި އެވެ. 

އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނީ އެ ނީލަން ފަށަން ހަމަޖެހިފައި ވަނީ މާދަމާ ކަމަށެވެ. ނީލަމުގައި އަގު ހުށަހަޅަން ސިޓީ ފޮނުވަން ޖެހެނީ ހެންވޭރުގައި ހުންނަ އެ ކުންފުނީގެ ޓްރޭޑިން ޑިވިޝަން ހެންވޭރު ސޯމިލް އަށެވެ. 

އެމްޓީސީސީން ނީލަމުގައި ވިއްކާލަނީ ވޯލްވޯ ދެ ބަހާއި މޭންގެ ދެބަހާއި އަޝޯކް ލޭލެންޑްގެ ފަސް ބަހެވެ. 

ނީލަން ފެށޭ އަގެއްގެ ގޮތުގައި ހުރިހާ ބަހަކަށް ވެސް ކަނޑައަޅާފައި ވަނީ 25،000ރ. އެވެ. އެއަށް މަދުވެގެން 10،000ރ. އިތުރުކުރެވެން ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 

އެމްޓީސީސީން ބުނި ގޮތުގައި އެ ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 10،000ރ. އެމްޓީސީސީގެ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހެ އެވެ. އަދި ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މެންދުރު 12:00 ގެ ފަހުން އެ ޑިވިޝަންގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. 

އެމްޓީސީސީން ބުނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެ ދުވަހު އެއް އަގެއްގައި އޮވެއްޖެ ނަމަ، އެ އަގު ހުށެހެޅި ފަރާތަކަށް ނީލަން ނިމެނޭ ކަމަށެވެ. 

އެކަމާ ގުޅޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށާއި އެ ނީލަމާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ އޮކްޝަން ނޯޓިސް ބޯޑުން ފެންނަން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.